ޅ. ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައި، މިހާރު ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ނައިފަރުން 45 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ނައިފަރުގެ ބިން ހިއްކުމުގެ މި ބިޔަ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފައްޓަވައިދެއްވި މުހިންމު މަޝްރޫޢެކެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މިހާރު ކުރިއަށްދަނީ ހިއްކި ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން ހިއްކި ބިން ހިމާޔަތް ކުރުމަށްޓަކައި 1،813 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމުގެ އިތުރުން 474 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
އާބާދީގައި 5،800 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ނައިފަރަކީ، ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ މުހިންމު ރަށެކެވެ. މި މަޝްރޫޢު ފެށުމުގެ ކުރިން ނައިފަރުގައި އޮތީ 55 ހެކްޓަރުގެ ބިމެކެވެ. އެންމެ ފުރަތަމަ އެރަށުން 21 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށި ނަމަވެސް، ސަރުކާރުގެ އަރބަން ސެންޓަރު ތަރައްޤީކުރުމުގެ ތަޞައްވުރާ އެއްގޮތަށް، ސަރަޙައްދީ ފެންވަރުގައި ތަރައްޤީކޮށްފައިވާ ތަނަކަށް ހެދުމަށްޓަކައި އިތުރަށް ބިން ހިއްކަން ނިންމައި، ޖުމްލަ 45 ހެކްޓަރު ހިއްކުމަށް ފަހުން ބަދަލުކުރެވުނެވެ.
ނައިފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން މީގެކުރިން 2004 ވަނަ އަހަރުވެސް އެރަށުން 16 ހެކްޓަރުގެ ބިން ހިއްކައި، އެ ސަރަޙައްދުގައި ވަނީ ހައުސިންގ ޔުނިޓުތައް ތަރައްޤީކޮށްފައެވެ. އަލަށް ހިއްކި މި 45 ހެކްޓަރުގެ ބިމާއެކު، ނައިފަރުގެ އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ އެކި ފުރުޞަތުތައް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.