ހއ. އިހަވަންދޫގައި ތަރައްޤީކުރާ ފިޝް ކަލެކްޝަން ސެންޓަރުގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން، ޝީޓް ޕައިލް ކުރުމަށް ބޭނުންވާ ތަކެތީގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވަކަމަށް އެމްޓީސީސީން ބުނެފިއެވެ.
އިހަވަންދޫގައި އަލަށް ޤާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައި، ބިންގާ އަޅާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫގައި މަސް ބަނދަރެއްވެސް ތަރައްޤީކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި މަޝްރޫޢަކީ ޖުމްލަ 474 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެއް ކަމަށެވެ. މީގެ ތެރެއިން ކޮމްޕްލެކްސް އެޅުމަށް 416 މިލިޔަން ރުފިޔާ ހިނގާއިރު، ބަނދަރު ހެދުމުގެ އަގަކީ 58 މިލިޔަން ރުފިޔާއެވެ. ރަ
މި މަޝްރޫޢާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ، އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ޤާއިމުވެގެން ދިއުމަކީ އެ ރަށާއި އަދި އަވައްޓެރި އެހެން ރަށްރަށުގެ މަސްވެރިންގެވެސް އެތައް ދުވަހެއްގެ ބޮޑު އުންމީދެއް ޙާޞިލުވެގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން މަސްވެރިންނަށް އެތައް ގޮތަކުން ލުއިފަސޭހަތަކެއް ލިބި، އިހަވަންދޫގެ އިޤްތިޞާދަށް ބޮޑު ދިރުމެއް އަންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އައިޑީބީގެ އެހީގައި ހިންގާ މި މަޝްރޫޢުގެ ދަށުން 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 50 ޓަނުގެ މަސް ފިނިކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއެއް ޤާއިމުކުރާނެއެވެ. މީގެ އިތުރުން ޒަމާނީ އޮފީސް ޢިމާރާތަކާއި، އިންޖީނުގެއާއި، ވެހިކަލް ވޯރކްޝޮޕް އަދި ގުދަނެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު، މަސް ދޯނިފަހަރަށް ފަސޭހައިން ޚިދުމަތް ދިނުމުގެ ގޮތުން 130 މީޓަރުގެ ދިގު އެއްގަމު މަގަތުފާލަމަކާއި، އެއްފަހަރާ 3 ޕޮއިންޓުން މަސް ކިރޭ ގޮތަށް 3.5 މީޓަރުގެ ފުންމިން ހުންނަ ފުރިހަމަ ބަނދަރެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.