ގއ. ދެއްވަދޫގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޓްރަސް އެޅުމާއި ފުރާޅު އެޅުމުގެ މަސައްކަތް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ގާތްގަނޑަކަށް 1400 އެއްހައި މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫގައި ޤާއިމުކުރާ މި ޒަމާނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މިވަގުތު ކުރިއަށްދަނީ އިމާރާތުގެ ޓްރަސް ހަރުކުރުމާއި ފުރާޅު އެޅުމުގެ މަސައްކަތްތައް ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ވެސް ކުޅިވަރު ކުޅޭނެ ދަނޑުތަކާއި ކޯޓުތައް އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ އެކި ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، މި ވަސީލަތްތައް ގާއިމުކުރުމަށްފަހު، އެ ތަންތަން އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައި، މެއިންޓެނެންސްގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ރަށްރަށުގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގައި ދާއިމީ މުވައްޒަފުން ބޭތިއްބުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ މިފަދަ ފެންވަރު ރަނގަޅު ވަސީލަތްތަކުގެ އެހީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީ، ގައުމީ ޓީމުތަކަށް ކުޅޭ ފެންވަރުގެ މޮޅެތި އެތުލީޓުންނާއި ކުޅުންތެރިން އުފެއްދުމެވެ. ދެއްވަދޫގައި ގާއިމުކުރެވޭ މި ސެންޓަރާއެކު އެ ރަށުގެ ޒުވާނުންނަށާއި އާންމު ރައްޔިތުންނަށް ކަސްރަތު ކުރުމަށާއި ކުޅިވަރުގެ ހަރަކާތްތައް ހިންގުމަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.