ދ. ކުޑަހުވަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 7 ރަށުގެ ތެރޭގައި ހިމެނޭ، ކުޑަހުވަދޫގެ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ދައުލަތުގެ ބަޖެޓުން 83.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ "ޑިޒައިން އެންޑް ބިލްޑް" އުސޫލުން އެ ކުންފުންޏާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކުޑަހުވަދޫއަކީ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވެފައި، އިޤްތިޞާދީ ގޮތުން ގިނަ ޙަރަކާތްތަކެއް ހިނގާ ރަށަކަށް ވުމުން، އެ ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަނދަރު ތޮއްޖެހި ޖާގަ ނުލިބުމުގެ ދަތިކަމެވެ. ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން ކަންނެލި އޮޑިފަހަރާއި، މީހުންނާއި މުދާ އުފުލާ ބޮޑެތި ބޯޓުތަކާއި، ލޯންޗު އަދި ޑިންގީ ފަދަ އުޅަނދުފަހަރު އަޅާފައި ބޭއްވުމުގައި ދަތިތަކާ ކުރިމަތިވެ، ބަނދަރު އަބަދުވެސް އޮންނަނީ ނުހަނު ބާރުބޮޑުވެފައެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން؛

  • 103،122 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުން

  • 5،545 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން

  • 180 މީޓަރުގެ ބޭރުތޮށި ލުން

  • 372 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން (މިހާރު ކުރިއަށްދާ މަސައްކަތް)

  • 115 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން

  • 70 މީޓަރު ދިގު، 2 މީޓަރު ފުޅާ ބްރިޖެއް ހެދުން

  • 90 މީޓަރު ދިގު، 2 މީޓަރު ފުޅާ ޖެޓީއެއް ޤާއިމުކުރުން

  • 2،265 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުން

  • ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް

އެމްޓީސީސީން ބުނީ ކުޑަހުވަދޫ ބަނދަރު ތަރައްޤީކުރުމުގެ މި ބިޔަ މަޝްރޫޢު ނިމި ބޭނުންކުރަން ފެށުމުން، ލަފާފުރުމަށާއި ކަނޑުދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މިއީ އެ ރަށުގެ ވިޔަފާރިއާއި އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވެ، ރައްޔިތުންގެ އިޖުތިމާޢީ އަދި މާލީ ދުޅަހެޔޮކަމަށް އެދެވޭ ބޮޑެތި ފައިދާތަކެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެކެވެ.