ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލުކުރަން ނުކުޅެދޭ ދަރިވަރުންނަށް ގޭގައި ބައިތިއްބައިގެން ނުވަތަ ހޯމްސްކޫލިން މެދުވެރިކޮށް އުނގެނުން ފަހިކޮށްދިނުމަށް ތައުލީމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ބަލައިގަނެ، އެ ބިލު ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި މި އިސްލާހު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި 41 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ އިތުރުން އިޖުތިމާއީ ކޮމިޓީ އެކުވެގެންވާ ޖޮއިންޓް ކޮމިޓީއަކަށް ވަނީ ފޮނުވައިފައެވެ.

އިޝްތިހާރު އިޝްތިހާރު

ތައުލީމާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ދަރިވަރުގެ ހާލަތު ހުންނަ ގޮތުން ސްކޫލަށް ހާޒިރުވުމަށް ނުކުޅެދޭ ކުދިންނަށް ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގެ މަތިން އިސްތިސްނާއެއް ދިނުމުގެ އިޚްތިޔާރު ތައުލީމީ ވަޒީރަށް ލިބިވަޑައިގަނެއެވެ.

އަމަލުކުރަމުންދާ ގާނޫނުގައިވާ ގޮތުން އުމުރުން 4 އަހަރާއި 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް ތައުލީމު ހާސިލުކުރުން ލާޒިމުވާނެއެވެ.

އަދި އެ އުމުރުގެ ކޮންމެ ކުއްޖަކު ޕްރީސްކޫލުން ފެށިގެން ސާނަވީ ތައުލީމުގެ ނިޔަލަށް އުނގެނުމަށް ސްކޫލަށް ފޮނުވައި، އެ މަރުހަލާގައި ބައިވެރިކުރުން ބެލެނިވެރިޔާގެ މައްޗަށް ލާޒިމުވެގެންވެއެވެ.

ނަމަވެސް ޑރ. އަނާރާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ސްކޫލަށް ހާޒިރުވެ ނުވަތަ ހޯމްސްކޫލިން ޕްރޮގްރާމެއްގެ ދަށުންވެސް ތައުލީމު ހާސިލުކުރަން ނުކުޅެދޭ ކުދިންނަށް މަޖުބޫރު ތައުލީމު ލާޒިމެއް ނުވާނެއެވެ.

އެ މާއްދާގައި އެހެން އޮތް ނަމަވެސް، ކުދިންގެ ނުކުޅެދުންތެރިކަމާ އެކަށޭނަ ގޮތަކަށް އުނގަންނައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ކުއްޖާގެ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ބަލައި ސްކޫލަށް ކޮންމެހެން ގެންދަން ނުޖެހޭނެ ކަމަށް ކަނޑައެޅުމުގައި ރިއާޔަތްކުރާނެ މިންގަނޑުތަކެއް ތައުލީމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވައިލަން ޖެހޭނެއެވެ.