ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ތަޢުލީމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުން ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަންކަމަށް ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ، މަދުރަސީ މާޙައުލުގައި ތަޢުލީމު ޙާޞިލުކުރަން އުނދަގޫވާފަދަ ނުކުޅެދުންތެރިކަން ހުރި ކުދިން ތަޢުލީމުން މަޙްރޫމުނުވާނެ ގޮތަށް ނިޒާމު ބައްޓަންކުރުމަކީ ސަރުކާރުން އަޅުއްވާ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެފައިވާ އިސްލާޙުގައި ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަން ނުވަތަ އެނޫންވެސް ޚާއްޞަ ޙާލަތެއްގެ ސަބަބުން މަދުރަސީ ނިޒާމުގެ ތެރެއިން ތަޢުލީމު ޙާޞިލުނުކުރެވޭ ކުދިންނަށް ވަކި ޚާއްޞަ ނިޒާމެއްގެ ތެރެއިން ހޯމް ސްކޫލިންގ ޕްރޮގްރާމެއް ހިންގުމަށް ހިމަނާފައިވެއެވެ. އަދި އެ ޕްރޮގްރާމު ފަރުމާކޮށް ހިންގާއިރު ހިފަހައްޓަންޖެހޭ މިންގަނޑުތަކާއި ރެގިއުލޭޓުކުރާނެ ގޮތުގެ އުޞޫލުތައް ބަޔާންކުރާ ޤަވާޢިދެއް އެކުލަވައިލުން އެ ޤާނޫނުން ލާޒިމުކުރެއެވެ.

އިޝްތިހާރު އިޝްތިހާރު

ޒަމާނުއްސުރެ ވަކި ދުވަސްވަރެއްގައި ސްކޫލު ފަށައި ނިންމާ ގޮތަށް އޮތް އޮތުން، ދާއިރާގެ ޚަބީރުންނާއި ތަޖުރިބާކާރުންނާ މަޝްވަރާކުރުމެއް ނެތި ކުއްލި ގޮތަކަށް އެމްޑީޕީ ސަރުކާރުން ބަދަލުކުރި ކުރުމަކީ ބެލެނިވެރިންނާއި ދަރިވަރުންނާއި މުދައްރިސުންވެސް އެކަމުގެ ސަބަބުން ބޮޑެތި ތަކުލީފުތައް އުފުލަންޖެހުނު ކަމެއްކަން މެންބަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ތަޢުލީމަށް ކަނޑައަޅާ ބަޖެޓުން ކުރެވޭ ކަމެއް ނުފެންނަކަމަށް ބައެއް މެންބަރުން ވިދާޅުވާތީ އެބޭފުޅުންނަށް ރައްދުދެއްވަމުން ލަތީފް ވިދާޅުވީ، ސަރުކާރުން ތަޢުލީމަށް ދޭ އިސްކަމާއި ކުރާ ހޭދައިގެ ނަތީޖާއަކީ ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ ފެންވަރުގެ އިމްތިޙާނުތަކުން އެންމެ މަތީ ވަނަތައް ދިވެހި ދަރިވަރުން ޙާޞިލުކުރަމުންދިއުން ކަމަށެވެ.

އޭގެ އިތުރުން މެންބަރު ވިދާޅުވީ ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް ބޮޑެތި އަދަދުތައް ކަނޑައަޅަނީ ސަރުކާރުން ފެންވަރު ރަނގަޅު ތަޢުލީމެއް ދިވެހި ދަރީންނަށް ފޯރުކޮށްދިނުމަށް ބޭނުންވާތީ ކަމަށެވެ.