ސަރަހައްދގެ ގައުމުތަކާ މެދު އީރާނުން އެއްވެސް އަދާވާތްތެރިކަމެއް ނުގެންގުޅޭ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޚާރިޖިއްޔާގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގއެއްގައި ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، އީރާނުން މަސައްކަތް ކުރަނީ ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށް ގައުމުތަކުގެ އެއްބާރުލުން ހޯދުމަށް ކަމަށެވެ.
އީރާނާ ގުޅުވައި އިރާގު ޕާލަމެންޓް މެމްބަރަކު ދެއްކި ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްމާއީލް ބަގާޔީ ވިދާޅުވީ، ސަރަހައްދީ ޕްރެޝަރުތަކުގެ ސަބަބުން، ގައުމުތަކުގެ ރައްޔިތުންނާއި ރައްޔިތުންނާ އޮންނަ ގުޅުންތަކާއި، ވިޔަފާރީގެ ގުޅުންތަކަށް ބުރޫއަރައިގެން ނުވާނޭ ކަމަށެވެ.
އަވަށްޓެރި ގައުމުތަކާއި އީރާނާ އޮންނަ ގުޅުން ނެތިކޮށްލަން އެމެރިކާއިން ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ކުރެވެން ހުރި ހުރިހާކަމެއް ކުރަމުންގެންދާ ކަމަށްވެސް އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
އެމެރިކާއިން ކުރަމުންދާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނުނިކުންނައިރު، އީރާނު ރައްޔިތުންނާއި އަވަށްޓެރި ގައުމުތަކާ ދެމެދުގައި އޮންނަނީ ވަރުގަދަ ގުޅުމެއްކަން އެމެރިކާއަށްވެސް އެނގޭ ކަމަށް އިސްމާއިލް ބަގާޔީ ވިދާޅުވިއެވެ.
ބަގާޔީ ވިދާޅުވީ، އީރާނާއި އަވަށްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަކީ ދާއިމީ ގުޅުމެއް ކަމަށާއި، އެމެރިކާ މީހުންނަކީ އައިސް ގޮސްވާ މީހުން ކަމަށެވެ. އީރާނާއި އަވަށްޓެރި ގައުމުތަކަކީ ދާއިމީ އަވަށްޓެރިން ކަމަށެވެ.
އެކަމަކު، ސަރަހައްދުގެ ވަކި ގައުމެއް ބޭނުންކޮށްގެން އީރާނުގެ ގައުމީ ސަލާމަތާއި، އީރާނު ރައްޔިތުންގެ ސަލާމަތަށް ނުރައްކާ ކުރާނަމަ އީރާނު ހިމޭނުން ނޯންނާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
އިސްމާއިލް ބަގާޔީ މި އިޝާރާތް ކުރައްވަނީ، އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ ދިނުމަށް ގަލްފާއި އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ހަދާފައިވާ އަސްކަރީ ބޭސްތައް ބޭނުންކުރާ މައްސަލައަށެވެ.

އިޝްތިހާރު އިޝްތިހާރު