އީރާނުގެ އިންފްރާސްޓްރަކްޗަރއަށް ހަމަލާ ދީފިނަމަ ހޮރްމޫޒު ކަނޑުއޮޅީގެ އަޑިން އަޅާފައިވާ އިންޓަރނޭޓް ކޭބަލްތައް ގޮއްވާލާނޭ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އީރާނުގެ އަރަބި ޓީވީ ޗެނަލެއް ކަމަށްވާ އަލް އާލަމްއަށް ދެއްވި އިންޓަރވިއުއެއްގައި އިންގިލާބީ ލަޝްކަރުގެ ޑެޕިއުޓީ ޗީފް ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޔަދުއުﷲ ޖަވާނީ ވިދާޅުވީ، އީރާނުގެ އިންފްރާސްޓްރަކްޗަރއަށް ހަމަލާދީފިނަމަ ހޮރްމުޒް ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތަކަށް އީރާނުގެ ހަމަލާތައް އަމާޒުވުން ގާތް ކަމަށެވެ.
ހަމަލާދީ ހަލާކުކޮށްލާނެ ކަމަށް އީރާނުން އިންޒާރު ދީފައިވަނީ ހޮރްމޫޒު ކަނޑުއަޑިން އަޅާފައިވާ ގަލްފް އިންޓަނެޓާއި، ބޭންކިން ޑޭޓާ ގެންދާ ބޮޑު 7 ކޭބަލެވެ.
މި ކޭބަލްތަކަށް ހަމަލާ ދީފިނަމަ ގަލްފް ސަރަހައްދުން ބޭންކިންގެ ޚިދުމަތާއި، މޮބައިލް ފޯނުގެ ޚިދުމަތާއި، އިންޓަރނެޓުގެ ބޭނުންކޮށްގެން ހިންގާ ފައިސާއާއި ވިޔަފާރީގެ ހުރިހާ މުއާމަލާތްތަކެއް ހުއްޓޭނެއެވެ.
ޑެޕިއުޓީ ޗީފް ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޔަދުއުﷲ ޖަވާނީ ވިދާޅުވީ، އީރާނުގެ އަމިއްލަ އިންފްރާސްޓްރަކްޗަރަށް ހަމަލާތަކެއް އަތުވެއްޖެނަމަ އީރާނަށް ލިބިގެންވާ ފުރިހަމަ ގާބިލްކަމުގެ ބޭނުންކޮށްގެން ރައްދު ހަމަލާތައް ދޭނޭ ކަމަށެވެ.
ހަމަ އެއާއެކު، އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުގެ ބޮޑެތި އިންވެސްޓްމަންޓްތައް ސަރަހައްދުގައި ހުރިކަންވެސް އޭނާ ހަނދާން ކޮށްދެއްވާފައި ވެއެވެ. ސަރަހައްދުގައި ހުރި އެމެރިކާއާއި އެގައުމުގެ އިގްތިސާދީ މުދާތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވާފައި ވެއެވެ.
އީރާނުގެ އިންފްރާސްޓްރަކްޗަރއަށް ހަމަލާ ދީފިނަމަ ހޮރްމޫޒު ކަނޑުއަޑިން އަޅާފައިވާ އިންޓަރނޭޓް ކޭބަލްތަކަށް ހަމަލާ ދޭނޭ ކަމުގެ އިންޒާރު އީރާނު އަސްކަރިއްޔާގެ އެކި ވެރިން މީގެކުރިންވެސް ދެއްވާފައި ވެއެވެ.
އީރާނުން މި އިންޒާރުތައް އައު މިކުރީ، އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ހަމަލާދިނުމަށް އަނެއްކާވެސް ތައްޔާރުވަމުންދާ ކަމުގެ ނިޝާންތަކެއް ފެންނަމުން ދަނިކޮށެވެ.
"އީރާނުގެ ކަންތައް ވަރަށް އަވަހަށް ނިންމާލާނެކަމަށް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިހަށްދުވަހު ބުނެފައި ވާއިރު، އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫވެސްވަނީ، އެމެރިކާއާ ގުޅިގެން އީރާނުގެ ވެރިކަން ވައްޓާލަން ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ. ނަތަންޔާހޫ ބުނީ، އީރާނުގެ ވެރިކަން ވައްޓާލައިގެންމެނުވީ އިސްރާއީލަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ.
އަނެއްކޮޅުން، އީރާނަށް ހަމަލާދޭން އެމެރިކާގެ އަސްކަރިއްޔާއާއި، އިސްތިއުމާރީ އަސްކަރިއްޔާއިންވެސް ޕްލޭންތަކެއް ހަދައި، ހަތިޔާރު ޖަމާކޮށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިމަހުގެ 27 ގައި އިސްރާއީލުގައި ބާއްވާ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ނަތަންޔާހޫ އިސްވެ އީރާނަށް ހަމަލާ ދިނުމަކީ ގާތްކަމެއް ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިންފްރާސްޓްރަކްޗަރއަށް ހަމަލާ ދީފިނަމަ ހޮރްމޫޒު އަޑިން އަޅާފައިވާ އިންޓަރނެޓް ކޭބަލްތައް ގޮއްވާލާނަން: އީރާނު
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.