އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް ސިޔާސީ ހައްލެއް ހޯދުމަށް އެމެރިކާ ހުޅުވާލެވިފައި ކަމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ބުނެފިއެވެ.
މާކޯ ރޫބިއޯ މިހެން ބުނެފައިވަނީ، އެޓްލާންޓާގައި ކުރިއަށްދާ ޖީ20 ޚާރިޖީ ވަޒީރުންގެ ސަމިޓްގައި ވާހަކަ ދައްކަމުންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ބުނީ، އީރާނަށް އަސްކަރީ ހަމަލާ ދިނުމާމެދު ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ގޮތެއް ނުނިންމާ ކަމަށެވެ.
އީރާނުގެ މައްސަލަ އަސްކަރީގޮތުން ހައްލުކުރަން އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންނަމަ އެކަން ކުރުމުގެ ގާބިލްކަން އެމެރިކާއަށް ލިބިގެންވާ ކަމަށާއި، އެމެރިކާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ، އެންމެ ގާބިލް އަސްކަރީ ބާރު ކަމަށާއި، އަސްކަރީގޮތުން ކަމެއް ހާސިލްކުރަން އެމެރިކާއިން ބޭނުންވާނަމަ އެކަން ކުރެވޭނޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ބުނެފައި ވެއެވެ.
އެކަމަކު އެމެރިކާއިން އިސްކަންދެނީ ސުލްހަވެރިކަމާއެކު އެކަން ކުރަން ކަމަށް މާކޯ ރޫބިއޯ ބުނެފައި ވެއެވެ.
އީރާނާ ވާހަކަ ދައްކަން އެމެރިކާ ތައްޔާރަށް އޮތްކަމަށް ޚާރިޖީ ވަޒީރު ބުނިއިރު، ގަތަރުން މިހާރުވެސް މަސައްކަތް ކުރަމުންގެންދަނީ އީރާނާއި އެމެރިކާ އެއް މޭޒުދޮށަށް ގެނެވޭތޯއެވެ. ގަތަރުގެ ވަފުދެއް ހުކުރު ދުވަހު ތެހެރާނަށް ގޮސްފައިވާއިރު، އީރާނުގެ ވަފުދެއް މިހާރުވަނީ ދޯހާއަށް ގޮސްފައެވެ.
ގަތަރުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކޮށް މާކޯ ރޫބިއޯ ބުނީ، ގަތަރުން އިސްވެއޮވެ ކުރިއަށްގެންދާ މަޝްވަރާތަކުގައި އީރާން-އެމެރިކާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމާޒުކޮށް މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށެވެ.
އީރާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ބުނީ، އެމެރިކާއާއި، ސަރަހައްދުގެ ގައުމުތަކާ ދެކޮޅަށް 1979 ވަނަ އަހަރުން ފެށިގެން އީރާނުން ހަނގުރާމަ ކުރަމުންދާ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމަށް އިޝާރާތްކޮށް އިހަށްދުވަހު ބުނީ، އެމެރިކާއާ ދެކޮޅަށް އިސްވެ ހަނގުރާމަ ފެށީ އީރާނުން ކަމަށާއި، 1979 ވަނަ އަހަރުން ފެށިގެން އީރާނުން ހަނގުރާމަ ކުރަމުންދާ ކަމަށެވެ.
އެމެރިކާއަކީ ދުނިޔޭގެ އެންމެ ގާބިލް އަސްކަރީ ބާރު، އެކަމަކު ޑިޕްލޮމަސީއަށް ފުރުސަތު އެބައޮތް: ޚާރިޖީ ވަޒީރު
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.