ހޮރްމޫޒު ކަނޑުއޮޅި ހުޅުވާލުމުގެ ޕްލޭން ތަންފީޒުކުރުމުގެ މަރްހަލާގެ މުއްދަތު ދެދުވަށް ކުރުކޮށްލަން އީރާނުން ހުށަހަޅައިފިއެވެ.
އީރާނުން މިގޮތަށް ހުށަހަޅާފައިވަނީ ގަތަރާއެކު ކުރެވުނު މަޝްވަރާތަކުގައެވެ.
މިކަމާ ގުޅޭގޮތުން އަލް ޖަޒީރާއާ ވާހަކަ ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވީ، ގަތަރުން ހުށަހެޅީ އީރާނުގެ ޕްލޭން ތަންފީޒު ކުރުމުގެ މަރްހަލާ 5 ދުވަހަށް ކުރުކޮށްލުމަށް ކަމަށެވެ.
އެހެން ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ކުރެވުނު އިތުރު މަޝްވަރާތަކަށްފަހު އީރާނުން ހުށަހަޅައިގެން އެ މުއްދަތު ދެ ދުވަހަށް ކުޑަކޮށްދޭ ޕްރޮޕޯސަލަކަށް ދެފަރާތަށް އެއްބަސްވެވިފައިވާ ކަމަށް އައްބާސް އަރަޣްޗީ ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ދެދުވަސްތެރޭ ހޮރްމޫޒު ހުޅުވާލަން އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އިސްލާމްއާބާދު އެމްއޯޔޫގެފަހުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިން މަދުކުރުން ހިމެނެއެވެ.
އޭގެ އިތުރުން އީރާނުން ޑިމާންޑްކުރަނީ، އީރާނުގެ ތެޔޮ ބޭރުކުރުން މަނާކޮށްފައި އޮތް އޮތުން އުވާލުމާއި، ގަތަރުގައި ހުރި ފައިސާ ހިމެނޭގޮތަށް، އެމެރިކާއިން ގަނޑުކޮށްފައިވާ އީރާނުގެ ހުރިހާ ފައިސާއެއް ދޫކުރުމަށެވެ.
މީގެއިތުރުން، އީރާނާއި އޮމާނުން މަޝްވަރާކުރުމަށްފަހު ހޮރްމޫޒް ކަނޑުއޮޅީގައި ކަނޑައަޅާފައިވާ ބޯޓުފަހަރު ދަތުރުކުރަންޖެހޭ މަގުތައް ބަލައިގަނެ، އެހެން މަގުތައް ބަންދުކުރުންވެސް ހިމެނެއެވެ.
އައްބާސް އަރަޣްޗީ ވިދާޅުވީ، އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް ހޮރްމޫޒު އަލުން ހުޅުވުމަކީ، ދެންހުރި މައްސަލަތަކާ ގުޅޭގޮތުން އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމަށް މަގުފަހިކޮށްދޭނޭ ކަމެއް ކަމަށެވެ.
ހޮރްމޫޒު ހުޅުވާޅުމުގެ ޕްލޭން ތަންފީޒުކުރުން ދެދުވަހަށް ކުރުކުރަން އީރާނުން ހުށަހަޅައިފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.