ބ. ތުޅާދޫގައި ތަރައްޤީކުރަމުން އަންނަ ދެ ބުރީގެ ސަގާފީ މަރުކަޒު (ކަލްޗަރަލް ސެންޓަރު) އިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ސައިޓުގައި ކުރިއަށްދަނީ މައި އިމާރާތުގެ ކޮލަމްތަކަށް ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި އެކޮމޮޑޭޝަން ބްލޮކްގެ ސްލެބް ކާސްޓިންގ މަސައްކަތް ފެށިފައިވާއިރު، ރެސްޓޯރެންޓް އިމާރާތުގެ ކޮލަމްތައް ކާސްޓްކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައިކަމަށް އެމްޓީސީސީން ބުންޏެވެ. މީގެއިތުރުން އިމާރާތުގެ ފައުންޑޭޝަންގެ ހުރިހާ މަސައްކަތްތަކެއްވެސް ވަނީ ނިމިފައެވެ.

މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފަތާ ގުޅިފައިވާ ލިޔެލާ ޖެހުމާއި އެހެނިހެން ދިވެހިވަންތަ އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ޤައުމީ ފެންވަރުގެ މަރުކަޒެއް ތުޅާދޫގައި ޤާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ އެއްގޮތަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އިޝްތިހާރު އިޝްތިހާރު

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ އެއްބަސްވުން ޤާއިމުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި ތުޅާދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 24.4 މިލިޔަން ރުފިޔާއަށް، 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާ މި މަސައްކަތަކީ ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް (އުފެއްދުންތެރި އިޤްތިޞާދެއް) ޤާއިމްކުރުމަށާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ސަރުކާރުން ގެންގުޅޭ ހާއްސަ ތަޞައްވުރުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ދެ ފަންގިފިލާއަށް ތަރައްޤީކުރާ މި ޒަމާނީ ސެންޓަރު ނިމުމުން، އެތަނުގައި ލިޔެލާޖެހުމާއި، އަތްތެރި މަސައްކަތް، ގެތުން އަދި ލަކުޑީގެ މަސައްކަތް ފަދަ ސަގާފީ އެކި ފަންނުތަކަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގާނެއެވެ. އަދި މީގެއިތުރުން، މި މަރުކަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަކޮށްލުމަށް ހާއްސަ ޖާގައަކާއި ކެފޭއެއްވެސް މި އިމާރާތުގައި ހިމެނޭނެއެވެ.

ބ. ތުޅާދޫއަކީ ދިވެހިންގެ އަމިއްލަވަންތަ އަތްތެރި މަސައްކަތްތަކުގެ ތެރެއިން ޚާއްޞަކޮށް ލިޔެލާޖެހުމުގެ ފަންނަށް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ރަށެވެ. މި ސެންޓަރާއެކު އެރަށުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އަންނަ އަގުހުރި ސަގާފީ މަސައްކަތްތައް ދިރުވައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.