މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފއިެވެ.
އެމްޓީސީސީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިމިވަނީ، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރާ 02 ޑިރެކްޓަރުންގެ ތެރެއިން އެއް ޑިރެކްޓަރުގެ މަގާމް ހުސްވެފައިވާތީއެވެ. ބޯޑު ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލެވޭނީ، އެކުންފުނީގެ ހިންގާ ޤަވާއިދުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
އެގޮތުން އެންމެ މުހިންމު ދެ ޝަރުތަކީ ދިވެއްސަކަށްވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 30 އަހަރުވުމާއި، ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ވުމާއި މާލީ ރިޕޯޓްތައް ދިރާސާކުރުމުގެ ގާބިލްކަންވެސް ހުންނަން ޖެހެއެވެ. މީގެ އިތުރުންވެސް އެކުންފުނިން ވަނީ ހުންނަންޖެހޭ ޝަރުތުތައް އާންމުކޮށްފައެވެ.
އެމްޓީސީސީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށް ބަލައި، ޑިރެކްޓަރުންގެ ބޯޑަށް މައި ޙިއްޞާދާރުގެ ޙައިސިއްޔަތުން ސަރުކާރުގެ ފަރާތުން ފަސް ޑިރެކްޓަރުން ޢައްޔަނު ކުރަން ޖެހޭއިރު އާންމު ހިއްސާދާރުންގެ ފަރާތުން 2 މީހަކު އައްޔަނުކުރަން ޖެހެއެވެ. ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބޮޑަށް ބާރުއަޅާފައިވަނީ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ މަޤާމަށް، ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލައްވާ އިންތިޚާބުގައި ވާދަކުރުމަށްކަންވެސް ފާހަގަކޮށްލެވެއެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މިދިޔަ ބްރާސްފަތިދުވަހުގެ ރޭ ބާއްވާފައިވާއިރު، މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް މޫނުމަތީ އަގުގެ ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފައެވެ. އެމްޓީސީސީން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 24.1 މިލިއަން ރުފިޔާ ބެހުމަށް ނިންމާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.