ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން ކުރިއަށްގެންދިޔަ ބޮޑުބެރު ޗެލެންޖު 2026ގެ ޗެމްޕިއަންކަން، ވިދިވިދިގެން ދެވަނަ އަހަރުވެސް "ބޮޑުބެރު ގުރޫޕު 1438" އިން ހޯދައިފިއެވެ. މިދިޔަ އަހަރުގެވެސް އެއްވަނަ ހޯދި މި ގްރޫޕުން މިފަހަރުގެ ތަށި ދިފާޢުކުރީ ފައިނަލުގައި ވާދަކުރި ވަރުގަދަ 5 ޓީމާ ވާދަކުރުމަށްފަހުގައެވެ.
Expo Maldives@mv_expoބޮޑުބެރު ޗެލެންޖް 2026ގެ 1 ވަނަ - ސާދަ ތިރީސް އަށެއް.
#MaldivesExpo2026 #Maurazu26 #CreativeMaldives #DhiveheenahIskan #MvExpo2026WeekendSpecial

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމަށް، ޕީއެސްއެމް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ޖުމްލަ 10 ޓީމަކުން ބޮޑުބެރު ޗެލެންޖުގައި ބައިވެރިވިއެވެ. މި މުބާރާތުގައި ޓީމުތަކުން ވަނީ ކާސިމަޖާއާއި ބަބުރުގެ އިތުރުން ޒަމާނީ އަދި ތިންބެރުގެ ހިތްގައިމު ސަގާފީ ހުށަހެޅުންތައް ދައްކާލާފައެވެ. ފައިނަލަށް ދަތުރުކުރި 5 ޓީމުގެ ތެރެއިން ކޮންމެ ޓީމަކުންވެސް ދެ ހުށަހެޅުމެއް ހުށަހަޅައިދިންއިރު، މުބާރާތުގެ ދެވަނަ ހޯދީ "ޗާލޭ ބޮޑުބެރު ގްރޫޕް" އެވެ. އަދި ތިންވަނަ މަޤާމު ހިއްސާކުރީ "ރިދަމް ބޮޑުބެރު ގްރޫޕް" އާއި "ހޭވަައްލާ ބޮޑުބެރު ގްރޫޕް" އެވެ. މީގެއިތުރުން "މަންނަ ބޮޑުބެރު ގްރޫޕް" ވެސް ވަނީ ފައިނަލުގައި ވާދަކޮށްފައެވެ.
ބޮޑުބެރު ޗެލެންޖުގެ އިތުރުން، ސަޤާފީ ނެށުމުގެ ހުނަރުތައް ދައްކާލުމަށް ބޭއްވި "ސަޤާފީ ވާދަ" މުބާރާތުގެ އެއްވަނަ ހޯދީ "އެކްސްޓްރީމް ލެވެލް" އެވެ. މި މުބާރާތުގެ ދެވަނަ "އެމްއެންޔޫ ޑާންސް ގްރޫޕް" ހޯދިއިރު، ތިންވަނައަށް ހޮވުނީ "ހިޔަލަ ގްރޫޕް" އެވެ. މި މުބާރާތުގެ ފައިނަލުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ވާދަކޮށްފައެވެ.
މި ދެ މުބާރާތުންވެސް އެއްވަނައަށް ހޮވުނު ޓީމުތަކަށް 75,000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ދެވަނައަށް ދިޔަ ޓީމުތަކަށް 50,000 ރުފިޔާ އަދި ތިންވަނައަށް ހޮވުނު ޓީމުތަކަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.
ބީސީސީން ހާމަކުރި ގޮތުގައި މިފަދަ މުބާރާތްތަކެއް އިންތިޒާމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ މުއްސަނދި ޘަޤާފަތާއި ތާރީޚު ދިރުވައި އާލާކުރުމާއެކު، ބޮޑުބެރުގެ ދާއިރާއިން އައު ފަންނާނުން އުފެއްދުމެވެ. އަދި މި ސަގާފީ ކަންކަމަށް ދިވެހިންގެ މެދުގައި އޮތް ފޯރިއާއި ޝައުޤުވެރިކަން ދަމަހައްޓައި، ޒުވާނުންގެ ހިތްތަކުގައި ޤައުމީ ތަރިކައަށް ލޯބި އިތުރުކުރުމަކީވެސް މި މުބާރާތްތަކުގެ މުހިންމު ބޭނުމެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.