ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ނިންމައިލުމުގެ ގޮތުން، އެކި މުބާރާތްތަކުން ފާހަގަކޮށްލެވުނު ފަރާތްތަކަށް ހައްގުވާ އިނާމުތައް މިއަދު ދެވިގެންދާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ.
ކުރީ ދުވަސްތަކެކޭ ވެސް އެއްފަދައިން މިއަދު ވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް މައުރަޒުގެ އެކި އައިޓަމްތައް ބެލުންތެރިންނަށް ހުޅުވާލެވިފައި އޮންނާނެއެވެ. މީގެއިތުރުން، މަޢުރަޒުގެ ތެރޭގައި ހިންގުނު ބޮޑުބެރުގެ ފޯރިގަދަ މުބާރާތާއި، ސަގާފީ އެކި ވާދަކުރުންތަކުގެ އިތުރުން ކުޅިވަރު ހަރަކާތްތަކުން ވަނަތައް ހޯދި ފަރާތްތަކަށް މިއަދު އިނާމު ހަވާލުކުރެވޭނެއެވެ.
ޖުމްލަ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ހަރަކާތުގެ އެންމެ ފަހު ދުވަހުވެސް، ސަގާފަތާއި ތާރީޚާ ގުޅިފައިވާ ބޮޑުބެރުގެ ހަރަކާތްތަކާއި ޖޯޝްގަދަ ނެށުންތަކުގެ އިތުރުން، އާއިލާތަކާއި ކުޑަކުދިން ބައިވެރިވާނެ ޚާއްސަ ހަވީރެއް އޮންނާނެއެވެ. މިފަދަ ތަފާތު ކަންކަމުގެ ސަބަބުން މި މައުރަޒަކީ ޒިޔާރަތްކުރާ އެންމެންގެ ބޮޑު ތަރުހީބެއް ލިބިފައިވާ އިވެންޓެކެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެށުނު މި މަޢުރަޒު ބަލައިލުމަށް ގިނަ އަދަދެއްގެ ދިވެހިންގެ އިތުރުން ރާއްޖޭގައި ތިބި ބޭރުގެ ފަތުރުވެރިންވެސް ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ ޢާއިލާތަކާއި ޒުވާނުން އެ ސަރަހައްދަށް އެއްވެ، ސްޓޯލްތަކުގައި ހުރި ދިވެހި އުފެއްދުންތައް ބަލައި، އެކި ހަރަކާތްތަކުގައި ވަރަށް ޝައުޤުވެރިކަމާއެކު ބައިވެރިވެފައިވެއެވެ.
މިހާތަނަށް މި މައުރަޒަށް 205،000 އަށްވުރެ ގިނަ ފަރާތްތަކުން ޒިޔާރަތްކޮށްފައިވާއިރު، އެއީ ދުވާލަކަށް ބަލާނަމަ ގާތްގަނޑަކަށް 41،000 މީހުން ކަމަށް ބީސީސީން ހާމަކުރެއެވެ. މިކަމުގެ ސަބަބުން، ވިޔަފާރިތަކަށް ފަތުރުވެރިކަމުގެ ދާއިރާއަށް ތަކެތި ތަޢާރަފުކުރުމަށާއި، އައު ކަސްޓަމަރުންގެ އިތުރުން އިންވެސްޓަރުން ހޯދުމަށް ފަހި ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ.
މި އަހަރުގެ މައުރަޒުގައި 419 ފަރާތަކުން 4,404 އުފެއްދުމެއް ދައްކާލާފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރު 240 ފަރާތަކުން ބައިވެރިކުރި 2,400 އުފެއްދުމާ އަޅައިބަލާއިރު %83.5 ގެ ބޮޑު ކުރިއެރުމެކެވެ. ބައިވެރިންގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ 321 އަމިއްލަ ފަރުދުންނެވެ. މީގެ އިތުރުން 75 ވިޔަފާރިއަކާއި، ޚާއްސަ އެހީއަށް ބޭނުންވާ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ މުއައްސަސާތަކާއި، ޖަމްޢިއްޔާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ މި މައުރަޒުގައި ފާހަގަކޮށްލެވޭ ބައިވެރިވުމެއް ދައްކުވައިދީފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.