އިނގިރޭސި ޕްރިމިއާ ލީގުގައި 14 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ބަލިކޮށް، އާސެނަލްއިން ލީގު ތާވަލުގެ އެއްވަނަ މަގާމު ހޯދައިފިއެވެ.
ރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު ލީގުގެ ނުވަވަނަ ބުރުގެ މި މެޗު އާސެނަލްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ޕްރިމިއާ ލީގުގައި އެންފީލްޑްގައި އާސެނަލްއަށް ލިބުނު ފުރަތަމަ މޮޅެވެ. މި މެޗުގެ ޚާއްސަކަމަކީ، 2012 ވަނަ އަހަރު އާސެނަލް އެންމެ ފަހުން އެ ދަނޑުގައި މޮޅުވި މެޗުގައި ކެޕްޓަނެއްގެ ގޮތުގައި މިހާރުގެ ކޯޗު މިކޭލް އާޓެޓާ ކުޅެފައިވުމެވެ.
ވާދަވެރި މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 16 ވަނަ މިނެޓުގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒްއެވެ. އޭނާ މި ލަނޑު ޖެހީ އިންގްލެންޑްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ތިރިތިރިން ހުރަސްކޮށްލި ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ 15 މިނެޓުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ލަނޑަށްފަހު އާސެނަލްއިން ވަނީ ފަހަތަށް ޖެހި، ކައުންޓާ އެޓޭކްތަކަށް ބަރޯސާވެފައެވެ. އަދި ލީޑު ފުޅާކުރުމަށްވެސް އެ ޓީމަށް ރަނގަޅު ދެތިން ފުރުސަތެއް ލިބި ބޭކާރުވިއެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، އާސެނަލްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް، މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއް ނުވިއެވެ.
މި މޮޅާއެކު އާސެނަލްއަށް ވަނީ ހޮނިހިރު ދުވަހު ބްރައިޓަން އަތުން 1-0 އިން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ ފުރިހަމައަށް ނެގިފައެވެ. އާސެނަލް މިހާރު ތާވަލުގެ އެއްވަނައިގައި އޮތީ 24 ޕޮއިންޓާއެކުގައެވެ. އެއީ ދެވަނައިގައި އޮތް ސިޓީއަށް ވުރެ ތިން ޕޮއިންޓް ކުރީގައެވެ.
މި މެޗުން ބަލިވި ލިވަޕޫލް އޮތީ ލިބުނު 15 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. މިއީ މި ސީޒަނުގެ ލީގުގައި އެ ޓީމު ބަލިވި ދެވަނަ މެޗެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.