އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެއެވެ. މިއީ މި ސީޒަނުގައި ޕްރިމިއާ ލީގުގައި ލިވަޕޫލް އަމިއްލަ ދަނޑު، އެންފީލްޑްގައި މޮޅުވި ފުރަތަމަ ފަހަރެވެ.

މި މެޗުން ލިވަޕޫލް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލުގެ 4 ވަނަ މަޤާމް ލިބިފައެވެ. ބްރައިޓަން އަށް ލިބިފައިވާ 16 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގައެވެ.

މެޗުގެ ގިނައިރު ބްރައިޓަންއިން ބޯޅަ ހިފަހައްޓައިގެން ކުޅެ، ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް، ގޯލަށް އަމާޒުކޮށް ގިނަ ހަމަލާ ފޮނުވާފައިވަނީ ލިވަޕޫލްއިންނެވެ. ލިވަޕޫލްއިން ލީޑު ނަގާފައިވަނީ މެޗުގެ 17 ވަނަ މިނިޓުގައި ބްރައިޓަންގެ ޕަސްކަލް ގްރޮސްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑުންނެވެ. މި ލަނޑަކީ ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ފޮނުވާލި ބޯޅައެއް ގްރޮސްގެ ގައިގައި ޖެހި، މިސްރާބު ބަދަލުވެގެންގޮސް ވަދެފައިވާ ލަނޑެކެވެ.

އިޝްތިހާރު އިޝްތިހާރު

ލިވަޕޫލްއިން މި ލަނޑު ޖެހުމުގެ ކުރިން ބްރައިޓަންއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ޔަސީން އަޔާރީ ފޮނުވާލި ބާރު ހަމަލާ ވަނީ ލިވަޕޫލްގެ ގޯލުގެ ދަނޑި މަތިން ބޭރުވެފައެވެ.

ލިވަޕޫލްއިން މެޗުގެ ފަރަގު ބޮޑުކޮށްފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި ބްރެޑްލީ ބާކޯލާ ދިން ޕާހަކުން އެލެކްޒެންޑަރ އިސާކް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ބްރައިޓަންއަށް މި މެޗުގެ ދެވަނަ ހާފުގައިވެސް މެޗުގެ ނަތީޖާ ބަދަލުކުރެވޭނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެފުރުސަތުތަކުގެ ބޭނުމެއް ހިފިފައެއް ނުވެއެވެ.

މި މެޗުން ބްރައިޓަން ބަލިވިއިރު މިއީ މި ސީޒަނުގައި އެ ޓީމުން މިހާތަނަށް ކުޅުނު 13 މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ.