އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް، ބޯންމަތު އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.

މި ނަތީޖާއާއެކު، މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި އިޓަލީގެ ކޯމޯ އަތުން 4-1 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެން ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް އަމާޒުވެފައިވާ ފާޑުކިއުންތައް އިތުރަށް ގަދަވެ، އޭނާއަށް އޮތް ޕްރެޝަރ ވަނީ ބޮޑުވެފައެވެ.

މެންޗެސްޓަރގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗަށް ޔުނައިޓެޑް ނިކުތްއިރު، ކޯޗު ކެރިކް ވަނީ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ބެންޗަށް ލާފައެވެ. އަދި މި މެޗުގެ އެއްވެސް ހިސާބެއްގައި ފެނާންޑޭޒަށް ކުޅުމުގެ ފުރުސަތެއް ދީފައެއް ނުވެއެވެ. ފެނާންޑޭޒް ބެންޗަށް ލާފައިވަނީ ޓެކްޓިކަލް ބަދަލެއްގެ ގޮތުގައި ކެރިކް ބުނި ނަމަވެސް، ކޯމޯ އަތުން ބަލިވި މެޗަށްފަހު ފެނާންޑޭޒް ބުނެފައިވަނީ އެ މެޗުން ޓީމު ބަލިވެފައިވަނީ ކެރިކްގެ ޓެކްޓިކްސް ގޯސްވުމުން ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ބޯންމަތުން މި މެޗުގައި ޔުނައިޓެޑްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 38 ވަނަ މިނިޓުގައި ރަޔާން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ ބޯންމަތަށް ލިބުނު ހިލޭ ޖެހުމެއް ޖަސްޓިން ކްލައިވަޓް ނަގައިދިންއިރު، އޭރިޔާ ތެރޭގައި ހުރެ ރަޔާން ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް، ޔުނައިޓެޑްގެ ލެނީ ޔޯރޯ އަތުން ގެއްލުނު ބޯޅައެއް ހޯދުމަށްފަހު މާކަސް ޓެވޭނިއާ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ބޯންމަތުން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 71 ވަނަ މިނިޓުގައި އެވަނިލްސަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި މެޗުން ޔުނައިޓެޑް ބަލިވުމާއެކު އެ ޓީމަށް 8 މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ވަނީ ލީގު ތާވަލުގެ 16 ވަނައަށް ވެއްޓިފައެވެ. ބޯންމަތަށް ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ 13 ވަނައަށް ޖެހިލާފައެވެ.