ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި 8.2 ބިލިޔަން ރުފިޔާ ހިމަނައިފިއެވެ. މި ހިނގާ 2026 ވަނަ އަހަރުގެ ޕީއެސްއައިޕީއަށް ފުރަތަމަ 8.3 ބިލިޔަން ރުފިޔާ ކަނޑައެޅި ނަމަވެސް، ފަހުން އެ އަދަދު ވަނީ 6.5 ބިލިޔަން ރުފިޔާއަށް ރިވައިޒްކޮށްފައެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރޭގައި ރައްޔިތުންގެ އިޖުތިމާޢީ ދުޅަހެޔޮކަމާ ގުޅިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ބިންހިއްކުމާއި، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމުގެ އިތުރުން ގިނަ އަދަދެއްގެ މުހިންމު ޢުމްރާނީ މަސައްކަތްތައް ހިމެނެއެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގެ ކެޕިޓަލް ޚަރަދުން އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ރައްޔިތުންގެ އުންމީދުތަކާ ސީދާ ގުޅިފައިވާ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ކަމަށެވެ. އަދި އަންނަ އަހަރުގެ މައިގަނޑު އަމާޒަކީ މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ މަސައްކަތް ނިންމުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ޕީއެސްއައިޕީ ބަޖެޓު މައިގަނޑު ދާއިރާތަކަށް ބަހާލެވިފައިވާ ގޮތް:
-
އިޤުތިޞާދީ ތަރައްޤީގެ އަސާސީ ވަސީލަތްތަކަށް: 3.07 ބިލިޔަން ރުފިޔާ
-
ގެދޮރާއި ޖަމާއަތުގެ އަސާސީ ވަސީލަތްތަކަށް: 1.47 ބިލިޔަން ރުފިޔާ
-
ތިމާވެށި ރައްކާތެރިކުރުމުގެ އަސާސީ ވަސީލަތްތަކަށް: 990.6 މިލިޔަން ރުފިޔާ
-
ތަޢުލީމީ ދާއިރާގެ އުމްރާނީ ނިޒާމުތަކަށް: 634.4 މިލިޔަން ރުފިޔާ
-
ޞިއްޙީ އިމާރާތްތަކާއި ނިޒާމުތަކަށް: 587.5 މިލިޔަން ރުފިޔާ
-
މުނިފޫހިފިލުވުމާއި ސަޤާފަތާއި ދީނީ ކަންކަމަށް: 428.1 މިލިޔަން ރުފިޔާ
-
އާންމު ސަލާމަތާއި އަދުލު އިންސާފުގެ ދާއިރާއަށް: 414.8 މިލިޔަން ރުފިޔާ
-
ދަޢުލަތުގެ އާންމު އިމާރާތްތަކާއި ނިޒާމުތަކަށް: 337.5 މިލިޔަން ރުފިޔާ
-
ދިފާޢީ އިންފްރާސްޓްރަކްޗަރ އަދި އާލާތްތަކަށް: 274.6 މިލިޔަން ރުފިޔާ
-
އިޖުތިމާޢީ ހިމާޔަތުގެ މަރުކަޒުތަކަށް: 4 މިލިޔަން ރުފިޔާ
ޕީއެސްއައިޕީގެ ވަކިވަކި ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ޚަރަދެއް ހިނގާނީ ދަތުރުފަތުރުގެ އަސާސީ ވަސީލަތްތައް ޤާއިމުކުރުމަށެވެ. އެ ދާއިރާއަށް 1.7 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ދެވަނައަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅި އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 1.4 ބިލިޔަން ރުފިޔާ ޚާއްސަކޮށްފައިވެއެވެ. މީގެއިތުރުން، ކުނި މެނޭޖްކުރުމާއި ތިމާވެށީގެ ނިޒާމުތަކަށް 582.6 މިލިޔަން ރުފިޔާ އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ އަސާސީ ވަސީލަތްތަކަށް 529.4 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.
މާލީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، ކުރު މުއްދަތެއްގެ ތެރޭގައި އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަކީ އަމަލީ ގޮތުންނާއި މާލީ ގޮތުން ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. ވަސީލަތްތައް ހޯދުމުގެ ވާދަވެރިކަމުގެ ސަބަބުން މަސައްކަތް ލަސްވުމާއި، ތަކެތީގެ އަގު އުފުލުމާއި، ކޮންޓްރެކްޓަރުން ނުލިބިގެން މަޝްރޫޢުތައް މޮނިޓަރކުރުމަށް ދަތިވެ، ބަޖެޓަށްވުރެ އިތުރަށް ޚަރަދު ހިނގުމުގެ ފުރުސަތު ބޮޑުވެއެވެ.
މިކަންކަން ހައްލުކޮށް، މަޝްރޫޢުތަކުގެ ޒިންމާތައް ކަށަވަރުކޮށް އަދި ކުރާ ޚަރަދާ އެއްވަރުގެ ނަތީޖާއެއް ނެރުމަށްޓަކައި، ސަރުކާރުން މިހާރު ވަނީ 'ދުވެލި' ޕޯޓަލް އާއި 'ޕަބްލިކް އިންވެސްޓްމެންޓް މެނޭޖްމެންޓް ސިސްޓަމް' ޕޯޓަލް ތަޢާރަފުކޮށްފައެވެ. މި ނިޒާމުތަކުގެ އެހީގައި މަޝްރޫޢުތައް ކުރިއަށްދާ ގޮތް ގާތުން ބަލައި، ކަނޑައެޅިފައިވާ ބަޖެޓުގެ ތެރޭގައި މަސައްކަތްތައް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށް މާލީ ވުޒާރާއިން މައުލޫމާތު ދެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.