މިއަހަރުގެ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބިއްޖެއެވެ،
ރޭ ބޭއްވި "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޗްޑީސީއަށް އެ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދެވެ. އެޗްޑީސީގެ ފަރާތުން އިނާމާ ހަވާލުވެލެއްވީ، ޑިރެކްޓަރު އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، މަލްޝާ ޝަރީފް އެވެ.
އެޗްޑީސީން ބުނީ ކޯޕަރޭޝަންގެ ފަރާތުން އުފެއްދުންތެރިކަމުގެ މައުރަޒަށް ހުށަހެޅީ، ހުޅުމާލެ ތަރައްގީވެގެން އައި ދުވަސްވަރު ދަތުރުފަތުރަށް ބޭނުންކުރި ދޯނި ރަމްޒުކޮށްދޭ މޮޑެލްއަކާއި ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރި ޑްރެޖަރުގެ މޮޑެލްގެ އިތުރުން، ހުޅުމާލެއަށް އަލަށް ތައާރަފުކުރަން ނިންމާފައިވާ ސްމާޓް މަގު ބައްތީގެ މޮޑެލްތަކެވެ.
މައުރަޒަށް ހުށަހެޅި ދޯނީގެ މޮޑެލްއަކީ، ހުޅުމާލެ ބިނާކުރަން ފެށި ދުވަސްވަރު މާލެއާއި ހުޅުމާލެއާ ދެމެދު މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރި ހަމައެކަނި އުޅަނދުގެ ނަމޫނާއެއް ކަމަށް އެޗްޑީސީން ބުންޏެވެ
އެޗްޑީސީން ބުނީ ދެވަނައަށް ހުށަހެޅި ޑްރެޖަރުގެ މޮޑެލްއަކީ ހުޅުމާލެ ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި، 2003 ވަނަ އަހަރު ސަރުކާރުން "ޑްރެޖިން އިންޓަރނޭޝަނަލް" ކުންފުނި މެދުވެރިކޮށް ރާއްޖެ ގެނައި "އެމަޒޯން" ކޮންނަ ބޯޓުގެ ތަފްސީލީ ނަމޫނާއެކެވެ.
"އެމަޒޯން" ކޮންނަބޯޓަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކޮށް، އެ މަޝްރޫއު އެންމެ ހަ މަސްދުވަހުގެ ތެރޭގައި ނިންމާލުމުގައި މުހިންމު ދައުރެއް އަދާކުރި، އެ ދުވަސްވަރުގެ ނިސްބަތުން އިންގިލާބީ ކުރިއެރުމެއް ހޯދައިދިން އުޅަނދެކެވެ.
އެޗްޑީސީން ބުނީ މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ "އެމަޒޯން" ކޮންނަބޯޓުގެ މުހިންމު ބައިތައް އެންމެ ތަފްސީލީ ގޮތެއްގައި ދައްކުވައިދިނުމެވެ.
އޭގެ އިތުރުން، މައުރަޒަށް ހުށަހެޅި ސްމާޓް މަގުބައްތި މޮޑެލްއަކީ، ހުޅުމާލޭގެ މަގުބައްތިތައް ދުރުގައި ތިބެގެން ކޮންޓްރޯލްކޮށް އަލި ހުންނަ މިންވަރު އަމިއްލައަށް ބަދަލުކޮށް، އެ ސިސްޓަމަށް ދިމާވާ މައްސަލަތައް ވަގުތުން ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
މި ނިޒާމުގެ ސަބަބުން ކަރަންޓު ހަރަދު ކުޑަވެ، ކޮންމެ ބައްތިއެއްގެ ހާލަތު ވަގުތުން ބަލައި އަވަހަށް މައްސަލަތައް ހައްލުކުރެވޭނެއެވެ. މައުރަޒަށް ހުށަހެޅި ހުރިހާ މޮޑެލްތަކެއްވެސް ތައްޔާރުކުރީ އެޗްޑީސީގެ ހުނަރުވެރި މުވައްޒަފުންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވީރު ފަށާ "މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްދާނީ ދ2 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ. މި އުފެއްދުންތެރިކަމުގެ މައުރަޒުގައި 600 ބައިވެރިންގެ ފަރާތުން ހުށަހަޅާ 4،400 އަށްވުރެ ގިނަ ޕްރޮޑަކްޓް ފެނިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.