ދުނިޔެއަށް ކުރިމަތިވެފައިވާ މިއަދުގެ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކޮމަންވެލްތަކީ މިހާރަށްވުރެ ބޮޑަށް ހަރުދަނާ އަދި އަވަހަށް އިޖާބަދޭ ޖަމާއަތަކަށް ވާންޖެހޭކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ އެންޓީގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މިމަހުގެ 1 އިން 4 އަށް ކުރިއަށްދާ 28 ވަނަ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ (ޗޮގަމް) ހަވާސާގައި ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވަނީ، ދުނިޔެއަށް މީގެ ކުރިން ކުރިމަތިނުވާ ފަދަ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ގުޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ މި ޒަމާނުގެ ބޭނުންތަކާއި އެދުންތަކަށް ފުރިހަމައަށް އިޖާބަދޭ، ކުރިއަރަމުން އަންނަ ޖަމާއަތަކަށް އެ ޖަމާއަތް ވެގެން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ (ސިޑްސް) ދެމެހެއްޓެނިވި ތަރައްގީއަށާއި އިގުތިސާދީ ގޮތުން ފައިދާހުރި މަސައްކަތްތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) ހޯދައިދިނުމުގައި ކޮމަންވެލްތުން އަދާކުރާ ދައުރު މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ނާޒުކު ގައުމުތަކަށް ކުރިމަތިވާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި، ބައިނަލްއަގުވާމީ މާލީ ނިޒާމަށް އަވަސް އިސްލާހުތަކެއް ގެންނަންޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިރުތިޝާމްގެ ވާހަކަފުޅުގައި، ގައުމެއްގެ ކުޑަބޮޑުމިނަށް ނުވަތަ ގާބިލުކަމަށް ބެލުމެއްނެތި، ކޮމަންވެލްތުގެ ނިންމުންތައް ނިންމުމުގައާއި އިސް މަގާމުތައް ހަވާލުކުރުމުގައި ހުރިހާ މެންބަރު ގައުމުތަކަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމަށް ވަނީ ގޮވާލައްވާފައެވެ. އަދި މުޅި ކޮމަންވެލްތު އާއިލާގެ މަންފާއަށްޓަކައި، ކޮމަންވެލްތާއި އެ ޖަމާއަތުގެ މެންބަރު ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެކަމަނާ ދެއްވިއެވެ.
ޗޮގަމް ސަމިޓް ރަސްމީކޮށް ފެށުމުގެ ކުރިން ބާއްވާ މި ބައްދަލުވުމަކީ، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ގުޅުން ބަދަހިކޮށް، ގައުމުތަކުގެ ފާގަތިކަމަށްޓަކައި ބައިނަލްއަގުވާމީ ބައިވެރިވުންތައް ހަރުދަނާކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.