ހުޅުމާލޭގައި ހިންގާ ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރެންޓާ ގުޅޭގޮތުން ފަހަކަށް އައިސް މީޑިއާތަކުގައްޔާއި އާންމުންގެ މެދުގައި ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތް، އެތަން ހިންގާ ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑުން ހާމަކޮށްފިއެވެ.

ސޮލާރިސް އިން ބުނި ގޮތުގައި މި މައްސަލައަކީ ހުޅުމާލޭގެ 10877 ވަނަ ޕްލޮޓް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން، އެ ކުންފުންޏާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު އުފެދިފައިވާ ގާނޫނީ ޚިލާފުތަކެއްގެ ތެރެއިން ހިނގަމުންދާ ކަންކަމެވެ. އެގޮތުން އެޗްޑީސީން ފޮނުވާފައިވާ ނޯޓިސްތަކަކީ ބާތިލު ނޯޓިސްތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސޮލާރިސްގެ ފަރާތުން މިހާރު ވާނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މިއީ އެތައް ކަމެއްގެ މައްޗަށް އެކުލެވިގެންވާ ފުޅާ މައްސަލައެއް ކަމަށާއި، މިހާރުވެސް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ އެޗްޑީސީގެ ޓީމެއް އެ ސަރަހައްދަށް ދިއުމާ ގުޅިގެން ވަގުތީ ގޮތުން ރެސްޓޯރެންޓުގެ ޚިދުމަތް މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް، ރެސްޓޯރެންޓް އަތުލުމަށް އެޗްޑީސީން ދީފައިވާ ނޯޓިސް ތަންފީޒުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެދީފައިވާ ކަމަށް ސޮލާރިސް އިން މައުލޫމާތު ދެއެވެ. އެއާއެކު، 02 ނޮވެމްބަރު 2026 ގެ ރޭގަނޑު 20:15 ގައި ރެސްޓޯރެންޓް އަލުން ހުޅުވައި، މިހާރު އާންމު އުސޫލުން ކަސްޓަމަރުންނަށް ޚިދުމަތް ދެމުން އަންނަ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ. އަދި އެ ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުން ދެއްކެވި ކެތްތެރިކަމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ޝަރީއަތުން މި މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން، ގާނޫނުގެ ވެރިކަމަށާއި އަދުލު އިންސާފުގެ ނިޒާމަށް އެންމެހައި ފަރާތްތަކުން އިހުތިރާމްކުރުމަށް ސޮލާރިސް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މައްސަލަ ކޯޓުގައި ހިނގަމުންދާތީ، މިވަގުތު އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.