ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ގެނެސް، ލަގްޒަރީ އުދުހުންތަކުގެ ޚިދުމަތަށް ނެރެން ތައްޔާރުވެއްޖެއެވެ.

ނިލާ ކޮރެލްސްއާ ގުޅިގެން މޯލްޑިވިއަނުން ތައާރަފްކުރި މި ޚިދުމަތަކީ އެ އެއާލައިނުން މިފަދަ ބޯޓެއް މެދުވެރިކޮށް ލަގްޒަރީ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން، ޚާއްޞަކޮށް ރޭގަނޑު އަންނަ ލަގްޒަރީ ފަތުރުވެރިންނަށް ސީޕްލޭންގެ ޚިދުމަތް ނުލިބޭ ވަގުތުތަކުގައި ޚިދުމަތް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އަބަދުވެސް ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ. އަދި އަލަށް ގެނެވުނު ބޯޓާއެކު ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުންނާއި، ރިސޯޓުތަކާއި، ކުންފުނިތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށްވެސް ޗާޓަރު އުސޫލުން މި ޚިދުމަތް ބޭނުންކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

8 ފަސިންޖަރުންގެ ޖާގައާއެކު ފަރުމާކޮށްފައިވާ ދެ އިންޖީނީގެ މި ޓާބޯޕްރޮޕް މަތިންދާބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ "ނިލާ ކޮރަލް އައިލެންޑް" އަށް ޚާއްޞަ އެއާ ޓްރާންސްފާ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މީގެއިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށްވެސް މި ބޯޓު ލިބެން ހުންނާނެއެވެ.

އެތެރޭގެ އުދުހުންތަކާއި ބައިނަލްއަޤުވާމީ ދަތުރުތައް ބާއްވަމުން އަންނަ މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 25 ބޯޓު އޮޕަރޭޓް ކުރެއެވެ. އޭގެ ތެރޭގައި އެއާބަސް އޭ330-200 ގެ ބޯޓަކާއި، އެއާބަސް އޭ320 ގެ ބޯޓެއްގެ އިތުރުން އޭޓީއާރުގެ 5 ބޯޓާއި، ޑޭޝް 8 ގެ 7 ބޯޓު އަދި 11 ސީޕްލޭން ހިމެނެއެވެ.