ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ރޯޑްޝޯއެއް ބާއްވައިފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގްގައެވެ.
މި ރޯޑްޝޯއަކީ ޤައުމީ އެއާލައިން މޯލްޑިވިއަންގެ އޮފީހެއް ބެއިންޖިންގައި ހުޅުވުމާ ގުޅުވައިގެން ބޭއްވި ރޯޑް ޝޯއެކެވެ. ވިޒިޓް މޯލްޑިވްސްއާ ގުޅިގެން ބޭއްވި މި ރޯޑް ޝޯގައި ޗައިނާގެ 100އެއްހާ ޓްރެވަލް އެޖެންޓުނާއި ޓުއާ އޮޕަރޭޓަރުން ބައިވެރިވެފައިވެއެވެ.
މި ރޯޑް ޝޯއާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް އިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި އަދި މި ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުން ޗައިނާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު މަޝްވަރާކޮށްފައިވާކަމަށެވެ.
ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ޗައިނާގެ ބެއިޖިންގައި ވަނީ އެ އެއާލައިންގެ އައު އޮފީހެއް ހުޅުވާފައެވެ. މިއީ މޯލްޑިވިއަންގެ ދަތުރުތަކާއި ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރުގައި އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އެއާލައިނުން ފާހަގަކުރެއެވެ.
މޯލްޑިވިއަންއިން ވިދާޅުވީ، މިއީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އެ އެއާލައިނުން ވިދާޅުވިއެވެ.
މޯލްޑިވިއަން އިން ވިދާޅުވިގޮތުގައި، ބެއިޖިންގްގައި އޮފީސް ހުޅުވުމާއި ރޯޑްޝޯ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމެވެ. އަދި މޯލްޑިވިއަންގެ ދަތުރުތަކާ ބެހޭ މަޢުލޫމާތު ޗައިނާގެ ޓްރެވަލް މާކެޓަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން އޮތް ފުރުޞަތުތައް ފުޅާކުރުމެވެ.
މި އައު އޮފީހާއެކު ޗައިނާގެ އެކި ސަރަޙައްދުތަކުން ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ނެގުމާއި، މަޢުލޫމާތު ސާފުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަން އިން ހާމަކުރެއެވެ.
އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެޤައުމަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.