ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި އެކި ކަހަލަ ނަފްސާނީ ޙާލަތްތައް ތަޙައްމަލުކުރާ ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި "ހޯމް-ސްކޫލިންގ" ތަޢާރަފުކުރުމަށް ތަޢުލީމުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙަކީ، އެކަމަށް އެދިއެދި ތިބި އެތައް ޢާއިލާއަކަށް ލިބުނު ބޮޑު ތަސައްލީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

ހުރާ ދާއިރާގެ މެމްބަރު ޑރ.އަނާރާ ނަޢީމް--

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ. ބިލުގެ އިބްތިދާއީ ބަޙުސް މަރުޙަލާގައި ވާހަކަދައްކަވަމުން ޑރ. އަނާރާ ވިދާޅުވީ، މިއީ ހުރިހާ ކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އެއްވެސް ކުއްޖަކު ބާކީނުކޮށް އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުމަށް ދައުލަތުން ގެންގުޅޭ ދުރުވިސްނުމުގެ ހެއްކެއް ކަމަށެވެ. އަދި މިއީ ޤައުމީ ތަރައްޤީގެ ފުރުޞަތު ކޮންމެ ދަރިއަކަށް ވެސް ފަހިކޮށްދިނުމަށް އެޅުނު ތާރީޚީ ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.

މި އިޞްލާޙުގެ ދަށުން، ކުއްޖާގެ ނުކުޅުދުންތެރިކަން ނުވަތަ ނަފްސާނީ ޙާލަތު ދެނެގަތުމަށް ހަދާ ޚާއްޞަ އެސެސްމެންޓަކަށް ބިނާކޮށް ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމުގެ ޝަރުޠުތަކާއި ހަރުދަނާ އުޞޫލުތައް ކަނޑައެޅިގެންދާނެއެވެ.

އިޝްތިހާރު އިޝްތިހާރު
ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ--

ބިލަށް ބަހުސްކުރައްވަމުން ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވީ، މި ބިލުގައި ހިމަނާފައިވާ ހޯމް-ސްކޫލިންގގެ ފުރުޞަތަކީ ހަމައެކަނި ޚާއްޞަ އެހީއަށް ބޭނުންވާ (ސެން) ކުދިންނަށް އޮތް ފުރުޞަތެއް ކަމަށާއި، މި ބިލުގެ އެއްވެސް މާއްދާއެއްގައި ހަރުކަށި ފިކުރާ ގުޅޭ އެއްވެސް ކަމެއް އެކުލެވިގެން ނުވާނެ ކަމަށެވެ.

އަދި ސަރުކާރުން ތަމްރީނުކުރާ ސެން ޓީޗަރުންގެ އެހީތެރިކަމާއެކު، ހަރުދަނާ މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން މިކަން ތަންފީޒުކުރުމަށް ބިލުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޕްރީސްކޫލް ތަޢުލީމާއި ބޭބީ ނާސަރީ ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރޭގައި ހިމެނުމަށް ބިލުން މަގުފަހިކޮށްދޭކަން ވެސް ޢަލީ މޫސާ ފާހަގަކުރެއްވިއެވެ.

ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު--

ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވީ، މި ބިލުގެ ސަބަބުން މީގެކުރިން ޤާނޫނީ ހުރަސްތަކާހުރެ ނިޒާމުގެ ތެރެއިން ބާކީވެފައި ތިބި އެތައް ކުދިންނަކަށް ޤާނޫނީ ހިޔާވަހިކަމާއެކު ކިޔެވުމުގެ ޙައްޤު ކަށަވަރުވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ތަޢުލީމު ޙާޞިލުކުރުމުގައި އެއްވެސް ކުއްޖަކަށް ދޮރެއް ބަންދުވެފައި އޮވެގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތަޢުލީމީ ޤާނޫނަށް ގެންނަ އިޞްލާޙުތަކުގެ ތެރޭގައި އިތުރު މުހިންމު ކަންކަން ވެސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި:

ހިލޭ ނާސްތާ ފޯރުކޮށްދިނުން: ނާސްތާ ހޯދަން ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކު ވެސް ހިލޭ ނާސްތާ ފޯރުކޮށްދިނުން ލާޒިމުކުރުން.

ދަރިވަރުންގެ ދުޅަހެޔޮކަން ކަށަވަރުކުރުން: ސްކޫލަށް ދާއިރު ރަނގަޅު ކާނާއާއި، ދުޅަހެޔޮ ޞިއްޙަތާއި، ހަމަނިދި ލިބިފައިވާކަން ކަށަވަރުކޮށް، އުނގެނުމަށް ތައްޔާރުކުރުމުގެ ޒިންމާ އަދާކުރުން.

ޒިންމާތައް ތަފްޞީލުކުރުން: މަދަރުސީ ނިޒާމު ހިންގުމުގައި ބެލެނިވެރިންނާއި، ޓީޗަރުން އަދި ޕްރިންސިޕަލުންގެ ދައުރު މިހާރަށްވުރެ ބޮޑަށް ސާފުކޮށް ބަޔާންކުރުން.

މަޖިލިސް މެންބަރުންގެ ބަހުސްގައި، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުން ކަނޑާލާފައިވާ އިތުރުގަޑީގެ ފައިސާ (އޯޓީ) އަލުން ލިބޭނެ ގޮތް ހަމަޖެއްސުމަށާއި، ޤުރުއާނާއި ސޯޝަލް ސްޓަޑީޒް ފަދަ މާއްދާތަކުން ދިވެހި ޓީޗަރުން ބިނާކުރުމަށް ބާރުއެޅުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މެންބަރުން ވަނީ މި ބިލަކީ ވަރަށް ބޮޑަށް ދިރާސާކުރެވިގެން ހުށަހެޅިފައިވާ ފުރިހަމަ ބިލެއްކަން ފާހަގަކުރައްވައި، ކޮމިޓީ މަރުޙަލާގައި ބިލުގެ މަސައްކަތް އަވަހަށް ނިންމައި ދަރިވަރުންގެ ޙައްޤުގައި ފާސްވެގެން ދިއުމަށް އެދިވަޑައިގެންފައެވެ.