ސްޕެއިންގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި މަދުވެގެން 10 މީހުން މަރުވެއްޖެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
ސްޕެއިންގެ މެދުތެރޭ ސަރަޙައްދުގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި މަދުވެގެން 10 މީހުން މަރުވެފައިވާ ކަމަށް އެ ޤައުމުގެ ދައުލަތުގެ ނިއުސް އެޖެންސީއާއި އެހެނިހެން ލޯކަލް މީޑިއާތަކުން ބުނެފިއެވެ.
ސްޕެއިންގެ ރޭލު ވިއުގަ ބަލަހައްޓާ ކުންފުނި ކަމަށްވާ އޭޑީއައިއެފް (އަދިފް) އިން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބުދަ ދުވަހުގެ ހެނދުނު، ޓޮލެޑޯ ޕްރޮވިންސްގައެވެ. އަދި މި ހާދިސާއާ ގުޅިގެން މެޑްރިޑް، ސިއުދާދް ރިއާލް އަދި އަންދަލުސިއާ ދެމެދު ދަތުރުކުރާ ރޭލުގެ ޚިދުމަތްތައް މިހާރު ވަނީ މެދުކަނޑާލާފައެވެ.
ޓީވީއީން ރިޕޯޓްކުރާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އެއް މިސްރާބަކަށް ދަތުރުކުރަމުންދިޔަ ދެ ހައި-ސްޕީޑް ރޭލުގެ މެދުގައެވެ. އަދި އެއް ރޭލު އަނެއް ރޭލުގެ ފަހަތުގައި ޖެހި، އޭގެ ދެ ކާރު (ބޮގީ) ވަނީ ދަގަނޑުދަނޑިން ކަހާލައިގެން ގޮސްފައެވެ.
ކައިރީގައިވާ އުރުދާ އަވަށުގެ މޭޔަރު، މެނުއަލް ގަލާން، ސްޕެއިންގެ ދައުލަތުގެ ބްރޯޑްކާސްޓަރު ޓީވީއީއަށް ވިދާޅުވި ގޮތުގައި ފަސިންޖަރުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޅިވަރު ކޮމްޕްލެކްސްއެއް ތައްޔާރުކުރުމަށް ސިވިލް ޕްރޮޓެކްޝަން އިދާރާތަކުން އަވަށު ކައުންސިލުގައި އެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި ކައިރީގައިވާ އަނެއް އަވަށެއް ކަމަށްވާ ލޮސް ޔެބެނެސްގެ މޭޔަރު ހެސޫސް ޕެރޭޒް ޓީވީއީއަށް ވިދާޅުވީ، މިއީ "ވަރަށް ނުރައްކާތެރި" އެކްސިޑެންޓެއް ކަމަށް ބެލެވޭ ކަމަށެވެ.
ކަސްޓިލާ ލާ މަންޗާ ސަރަޙައްދުގެ ރައީސް އެމިލިއާނޯ ގާސިއާ-ޕާޖޭ އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި އޭނާ މިހާރު ހުންނެވީ އެކްސިޑެންޓް ހިނގި ސަރަޙައްދަށް ވަޑައިގަތުމުގެ މަގުމަތީގައެވެ.
މިދިޔަ ޖެނުއަރީ މަހު، ސްޕެއިންގެ ދެކުނުގައި ރޭލެއް ދަގަނޑުދަނޑިން ކަހާލައިގެން ގޮސް، ކުރިމަތިން އައި އެހެން ރޭލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 45 މީހުން މަރުވިއެވެ. އެ އެކްސިޑެންޓަކީ 2013 ވަނަ އަހަރު 80 މީހުން މަރުވި ހާދިސާއަށްފަހު ސްޕެއިންގައި ހިނގި އެންމެ ގިނަ ބަޔަކު މަރުވި ރޭލު އެކްސިޑެންޓެވެ. ޖެނުއަރީ މަހުގެ އެ ހާދިސާގެ ސަބަބުން، ޔޫރަޕުގެ މި ޤައުމުގެ ފުޅާ ހައި-ސްޕީޑް ރޭލު ނިޒާމަށް އޮތް އިތުބާރަށް ބޮޑު ލޮޅުމެއް އެރިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.