ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ދެ މީހުން ވެންޓިލޭޓަރުން ނަގައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އައި ދެ މީހުން ވެސް މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި، ވެންޓިލޭޓަރުން ނެގި ދެ މީހުންގެ ތެރެއިން އެކަކަށް އަދިވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. ދެވަނަ މީހާއަށް ފަރުވާ ދެމުން ދަނީ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައެވެ. މި ހާދިސާގައި އަނިޔާވި އިތުރު ތިން މީހުންގެ ތެރެއިން އެކަކު ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އަނެއް ދެ މީހުންނަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ދަންވަރު 2:55 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައެވެ. ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި ތިން މީހުން އަދި އަނެއް ސައިކަލުގައި ދެ މީހުން ދަތުރުކުރިއެވެ. މި ހާދިސާގައި ދެ ސައިކަލުގައި ތިބި ފަސް މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ.
ފުލުހުންގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓްވި އެއް ސައިކަލަކީ ވެރިފަރާތުގެ ހުއްދައެއް ނެތި ނަގައިގެން ދުއްވި އުޅަނދެކެވެ. އަދި ގަވާއިދާ ހިލާފަށް ތިން މީހުން އަރުވައިގެން ދުއްވި މި ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ގަވާއިދާ ހިލާފަށް ދުއްވި ސައިކަލުގައި އިން ލ. މާމެންދޫ، އިރުމަތީގެ، މުހައްމަދު ސައިފް (27 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ހޮސްޕިޓަލުން ދޫކޮށްލުމާއެކު، މި މަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.











ކިޔުންތެރިންގެ ހިޔާލު