މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިސްނަގައިގެން ބާއްވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2026" ގެ ޕާޓްނަރެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޕެންޝަން އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަހަރުގެ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިޢާރުގެ ދަށުންނެވެ. މި ފޯރަމްގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަޤްވާމީ ތަޖުރިބާކާރުން އެއްތަނަކުން ބައްދަލުކުރާނެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ދިގުމުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދިދާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.

ޕެންޝަން އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ގްރީން ފައިނޭންސް ކުރިއަރުވައި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ފަހިކުރުމަށާއި، ވިލުންވެރި ރައްކާތެރި އިޤްތިޞާދެއް ބިނާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމެވެ. މީގެއިތުރުން، ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމުގެ މައްޗަށް، ހޯދުންތަކާއި މަޢުލޫމާތުގެ އަލީގައި ބިނާކުރަނިވި އައު ޚިޔާލުތައް ބަދަލުކުރުމަށް މި ފޯރަމުން ބާރުއަޅާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް މެނޭޖުކޮށް ދިގު މުއްދަތަށް އިންވެސްޓްކުރާ މާލީ މުއައްސަސާއެއްގެ ހައިސިއްޔަތުން، ހަރުދަނާ އަދި ވިލުންވެރި އިޤްތިޞާދަކާއި، ފުޅާ އިންވެސްޓްމަންޓް މާކެޓެއް ތަރައްޤީކުރުމަކީ ޕެންޝަން އޮފީހުގެ މަސައްކަތްތަކާ ސީދާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، މި އަހަރުގެ ފޯރަމްގެ ސަބަބުން ގްރީން ފައިނޭންސްގެ ތެރެއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފަހިވެ، ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްޤީކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި މާލީ ނިޒާމެއް ކުރިއެރުވުމަކީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ޤާބިލިއްޔަތު އިތުރުކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކާ ސީދާ ގުޅިފައިވާ ކަމަކަށްވާތީ، މިއީ ޔޫއެންޑީޕީ މޯލްޑިވްސްގެ ލަނޑުދަނޑިތަކާވެސް އެއްގޮތްވާ ކަމެކެވެ. ގްރީން ފައިނޭންސްގެ ފުރުޞަތުތައް ފަހިވުމުން، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މަޝްރޫޢުތަކަށް އިންވެސްޓްމަންޓް ހޯދުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދު ކުރިއަރައި ދިއުމަށް މަގުފަހިވެގެންދާނެއެވެ.

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ޤާއިމުކޮށްފައިވާ މުހިންމު މަންސައެކެވެ. މި އަހަރު ބޭއްވެނީ މި ފޯރަމްގެ 13 ވަނަ ބައްދަލުވުމެވެ. މި ފޯރަމް މެދުވެރިކޮށް، މާލީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާއި، ދިމާވާ ގޮންޖެހުންތަކުގެ އިތުރުން، އަލަށް ފާހަގަކުރެވޭ ފުރުޞަތުތަކާ ގުޅޭގޮތުން ދިވެހި އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންދާނެއެވެ.