ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ޕެންޝަން ފަންޑުގެ އަގު 60 ބިލިއަން ރުފިޔާއަށް އިތުރުކުރުމަކީ މުހިންމު އަމާޒެއް ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މުޙައްމަދު ޔަޒްމީދު ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫގައި ޕެންޝަން އޮފީހުން ކުރިއަށްގެންދިޔަ "ތްރީ ޖެން" ހިނގާލުމުގެ ހަރަކާތަށްފަހު، ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޔަޒްމީދު ފާހަގަކުރެއްވި ގޮތުގައި، ހަނިމާދޫގައި ކުރިއަށްގެންދެވުނު މި ހަރަކާތަކީ އަތޮޅުތަކުގެ ރައްޔިތުން ޕެންޝަން ނިޒާމަށް އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް ފެށުނު މުހިންމު މަސައްކަތެކެވެ. އެގޮތުން، ޕެންޝަނާ ގުޅޭ މަޢުލޫމާތާއި، ގަވާއިދުން ފައިސާ ޖަމާކުރުމުގެ މުހިންމުކަން ރައްޔިތުންނަށް އޮޅުންފިލުވައިދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

ފަންޑު ފުޅާކުރުމަށް ގެންގުޅުއްވާ ސްޓްރެޓެޖިކް ވިސްނުންތަކަށް އަލިއަޅުއްވާލައްވަމުން ޔަޒްމީދު ވިދާޅުވީ، އިތުރު އިންވެސްޓްމަންޓް ފުރުޞަތުތައް އަމިއްލައަށް ހޯދައިގެން ފަންޑުގެ ކުރިއެރުން އަވަސްކުރުމަށް ރާވާފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

"އަޅުގަނޑުމެންގެ ވިސްނުމަކީ ހަމައެކަނި ފެންނަން ހުރި އިންވެސްޓްމަންޓްތަކަށް ބަރޯސާނުވެ، އައު ފުރުޞަތުތައް އަމިއްލައަށް އީޖާދުކޮށްގެން ހޯދުން. ވޭތުވެދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ފަންޑުގައި އެއްކުރެވިފައިވަނީ 30 ބިލިއަން ރުފިޔާ. މާތްﷲ ގެ ވާގިފުޅާއެކު، ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި މި ޢަދަދު ދެގުނައަށް އިތުރުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް. އެކަމަށް ޚާއްޞަ ޕްލޭންތަކެއް އެކުލަވާލެވިފައިވާއިރު، މި އަމާޒަށް ވާސިލުވެވޭނެ،"

ޔަޒްމީދު ވިދާޅުވިއެވެ.

މީގެއިތުރުން، ޕެންޝަން ފަންޑަށް ޤަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ސީއީއޯ ވިދާޅުވީ، މިއީ ރައްޔިތުންގެ މުސްތަޤުބަލާ ގުޅިފައިވާ ވަރަށް މުހިންމު ފައިސާއެއް ކަމަށެވެ. އަދި މިހާތަނަށް ފަންޑަށް ނުދައްކާ ހުރި ފައިސާގެ ޢަދަދު 90 މިލިއަނަށް ވުރެ މައްޗަށް އަރާ ކަމަށާއި، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އެ ފައިސާ ހޯދުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް ޔަޒްމީދު ހާމަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނު ބަޔާންކުރާ ގޮތުގައި، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކުވެސް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުމަކީ ވަޒީފާދޭ ފަރާތަށް ލާޒިމުކަމެކެވެ. އަދި މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން، މުވައްޒަފުގެ އަސާސީ މުސާރައިން މަދުވެގެން 7 އިންސައްތަ އަދި ވަޒީފާދޭ ފަރާތުން މަދުވެގެން 7 އިންސައްތަ ހިމަނައިގެން، ޖުމްލަ 14 އިންސައްތަ ކޮންމެ މަހަކުވެސް ޕެންޝަން ސްކީމަށް ޖަމާކުރަންޖެހެއެވެ.