ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށް، ލިޔެކިޔުންތައް ބަދަލުކޮށްފިއެވެ. މީގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތައް ހިމެނޭހެން ވެފައިވާ އެއްބަސްވުންތައް ހިމެނެއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، "މޯލްޑިވްސް ބިޒްނަސް އެކްސްޕޯ" ގެ ހަވާސާގައި ކުރިއަށްދިޔަ "ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުވާއެވެ.

މި ފޯރަމްގެ ތެރެއިން ބަދަލުކުރެވުނު އެއްބަސްވުންތަކަކީ:

އިޝްތިހާރު އިޝްތިހާރު

އިގްތިސާދީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް: އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ޗައިނާގެ ސަންޔާ މުނިސިޕަލް ބިއުރޯ އޮފް ކޮމާސް އަދި ސަންޔާ އިންވެސްޓްމަންޓް ޕްރޮމޯޝަން ބިއުރޯއާ ދެމެދު ވެވުނު އެއްބަސްވުން.
ދިރާސާއާއި ދަނޑުވެރިކަން ކުރިއެރުވުމަށް: ދިރާސާކުރުމާއި، އީޖާދީ އުފެއްދުންތަކާއި، ތަމްރީނު ދިނުމުގެ އިތުރުން ދަނޑުވެރިކަމާ ގުޅޭ ޑެމޮންސްޓްރޭޝަން ސެންޓަރެއް ގާއިމުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގަޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން.
މަސް ބޭރުކުރުމުގެ ދާއިރާއިން: ގަނޑުކުރި މަސް ޗައިނާއަށް އެކްސްޕޯޓް ކުރުމަށްޓަކައި މިފްކޯއާއި ޗައިނާގެ ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން.
އަސާސީ މުދާ އެތެރެކުރުމަށް: އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ ރާއްޖެއަށް އެތެރެކުރުމުގައި ފަސޭހަތަކާއި އެހީތެރިކަން ހޯދުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވެވުނު އެއްބަސްވުން.
މަހުގެ އުފެއްދުންތައް ފުޅާކުރުމަށް: މަހުގެ އެކި ބާވަތްތައް އެކްސްޕޯޓް ކުރުމަށްޓަކައި ހޮރައިޒަން ފިޝަރީޒްއާއި ސިނޮމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ވެވުނު އެއްބަސްވުން.
މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއަށް ވިޔަފާރީގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ.