ޗައިނާ - މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް ފަށައިފިއެވެ. މި ފޯރަމު ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއެވެ.
ބާސެލޯ ނަސަންދުރާގައި ކުރިއަށްދާ ފޯރަމްގައި 100އަށްވުރެ ފަރާތުން ބައިވެރިވެފައިވާއިރު އޭގެތެރޭގައި ޗައިނާގެ 40އަށްވުރެ ގިނަ ކުންފުނިން ހިމެނެއެވެ. މި ފޯރަމްގެ ތެރެއިން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާ ގުޅޭ 5 އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއް ދުވަހުގެ މުއްދަތަކަށް ބާއްވާ މި ފޯރަމް އިންތިޒާމުކޮށްފައިވަނީ އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޗައިނާ އެމްބަސީ ގުޅިގެންނެވެ.
މި ފޯރަމުގެތެރެއިން ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގައި ބޭރުގެ އިންވެސްޓުމެންޓުތަކަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ރާއްޖެއިން ބޭރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ ކޮންމެ ފުރަމާނަ ދަތުރުފުޅެއްގެ ތެރެއިން އެ ވަޑައިގަންނަވާ ޤައުމެއްގައި ބިޒްނަސް ފޯރަމްތަކެއް ބާއްވައެވެ. މި ފޯރަމްތަކުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ބޭރު ޤައުމުތަކުގެ ވިޔަފާރިވެރިން ބައިވެރިވެއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމެންޓު ފުރުސަތުތަކާއި ސަރުކާރުން ކުރިއަށް ގެންދަން ރާވައިފައިވާ މުހިންމު މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާ ކުރެއެވެ.
އަދުގެ ސަރުކާރުން މިހާތަނަށް 7 ޤައުމެއްގައި ބިޒްނަސް ފޯރަމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ޤައުމުތަކަކީ ޗައިނާ، ޔޫއޭއީ، އިންޑިއާ މެލޭޝިއާ، ސިންގަޕޫރު އަދި އިންގިރޭސިވިލާތް އަދި ޕާކިސްތާނެވެ. މީގެ ތެރެއިން އިންޑިއާގެ 3 ސިޓީއެއްގައި ފޯރަމް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ފޯރަމްތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރުމަށް މައުލޫމާތު ހޯދާ ފަރާތްތަކާއި އިންވެސްޓްމެންޓުތައް ރެޖިސްޓަރ ކުރި ފަރާތްތައް އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.