ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށީގެ އާރްސީ ކީވޯލް ބްލޮކް އިންސްޓޯލް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް އެބަގެންދެއެވެ.

މި މަޝްރޫޢަކީ ފޮއްދޫގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށާއި، އެ ރަށުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ޖުމްލަ 49.77 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަން އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫޢުގެ ދަށުން 30,648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 3,990 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 145 މީޓަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން 165 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫޢުގެ ދަށުން 130 މީޓަރުގެ ދިގު އެއްގަމު ތޮށިލުމާއެކު، 125 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

ފޮއްދޫއަކީ 504 މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ. އެ ރަށުގައި އެކަށީގެންވާ ބަނދަރެއް ނެތުމުގެ ސަބަބުން، ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަފާފުރުމުގައި ގިނަ ދަތިތަކެއް ތަޙައްމަލު ކުރަންޖެހެއެވެ.

ފޮއްދޫއަކީ ލޯކަލް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށަކަށްވުމުން، މި މަޝްރޫޢު ނިމުމުން ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ބޮޑު މަގުފަހިކަމެއް ލިބޭނެއެވެ. އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މިފަދަ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގަމުންދާ ކުންފުންޏެކެވެ.