މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގްވާމީ ޒަކާތު ކޮންފަރެންސް (އިންޒެކް 2026) މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ފަށައިފިއެވެ.

މި ކޮންފަރެންސަކީ ދީނީ އިލްމުވެރިންނާއި، ދައުލަތުގެ ސިޔާސަތުތައް ކަނޑައަޅުއްވާ ފަރާތްތަކާއި، އިސްލާމިކް ފައިނޭންސް ދާއިރާގެ ފަންނީ މާހިރުން އެއްތަނަކަށް އެއްވެ، ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް ބާއްވާ ހާއްސަ ބައްދަލުވުމެކެވެ. މީގެ މައިގަނޑު ބޭނުމަކީ މި ޒަމާނުގައި ކުރިމަތިވަމުންދާ އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އަމަލީ ހައްލުތަކެއް ހޯދުމެވެ.

"އަދުގެ މުޖުތަމައުގައި ދިމާވާ އިޖުތިމާޢީ ނާޒުކު ހާލަތްތަކާއި، އަރާ އިގްތިސާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ މުއައްސަސާތަކުގެ މެދުގައިވާ ގުޅުން ބަދަހިކުރުމެވެ. މީގެ އިތުރުން، ޒަކާތުގެ އެހީ ލިބޭ ފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާ ބަޔަކަށް ހެދުމަށްޓަކައި ދެމެހެއްޓެނިވި ހައްލުތަކެއް ކަނޑައެޅުންވެސް މި ކޮންފަރެންސްގެ އަމާޒުތަކުގެ ތެރޭގައި ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

ކީރިތި ގުރްއާނުގެ ބަރަކާތުން މި ކޮންފަރެންސް ފައްޓަވައިދެއްވީ މޯލްޑިވްސް ޒަކާތު ހައުސްގެ އެކްޓިން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް މޫސާ މުޢިއްޒެވެ. އެއަށްފަހު، އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާސް ވަނީ ބައިވެރިންނާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، މޯލްޑިވްސް ޒަކާތު ހައުސްގެ ކުރިއަށް އޮތް 3 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (2026-2028) ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. މި ޕްލޭން އިފްތިތާހުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާޠިމަތު އަމީޒާއެވެ. މި އެކްޝަން ޕްލޭނަކީ ޒަކާތުގެ އިދާރީ ހިންގުން ޒަމާނީކޮށް ހަރުދަނާކުރުމަށާއި، ޒަކާތް ދެއްކުންތެރިންގެ އަދަދު އިތުރުކުރުމުގެ އިތުރުން، އުފެއްދުންތެރި ޒަކާތުގެ މަޝްރޫއުތައް ފުޅާކުރުމަށް އިސްކަންދީގެން އެކުލަވައިލާފައިވާ ޕްލޭނެކެވެ.

މި ވަގުތު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވި ނަމަވެސް، އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މި ރަސްމިއްޔާތަށް ހާއްސަ މެސެޖެއް ފޮނުއްވާފައެވެ. ވަޒީރުގެ މެސެޖު އިއްވަވައިދެއްވީ އެސިސްޓެންޓް ޒަކާތު އޮފިސަރ ޢާޝިޔާ ޞާލިޙެވެ.

ވަޒީރުގެ މެސެޖުގައި، ފަގީރުކަން ނައްތައިލުމަށާއި އިޖުތިމާޢީ އަދުލުވެރިކަން ގާއިމުކުރުމުގައި ޒަކާތުގެ ނިޒާމު އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކަންކަން ހިންގުމުގައި ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށާއި، ޖަވާބުދާރީވުން ވަރުގަދަކުރުމުގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ޖުމްލަ 3 ސެޝަނެއްގެ މައްޗަށް އެކުލެވިގެންވާ އިންޒެކް 2026 ގެ ކޮންމެ ސެޝަނެއްގައިވެސް މައިގަނޑު ތަގްރީރަކާއި، ހާއްސަ ޕެނަލް މަޝްވަރާއެއް ކުރިއަށްދާނެއެވެ. މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާނީ، މާލީ ދަތިތަކުގެ ސަބަބުން އާއިލީ ހަމަޖެހުމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އާއިލާތަކަށް އެހީތެރިވުމުގައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

އަދި ޒަކާތުގެ އެހީ ލިބިގަންނަ ފަރާތްތަކަކީ މާލީ ގޮތުން ފުދުންތެރި، މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށް ބަދަލުކުރުމަށްޓަކައި ގެންގުޅެވިދާނެ އަމަލީ ސިޔާސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

މި ކޮންފަރެންސް މެދުވެރިކޮށް މޯލްޑިވްސް ޒަކާތު ހައުސްގެ އަމާޒަކީ، ބައިނަލްއަގްވާމީ ފެންވަރުގައި މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމެވެ. މީގެ އިތުރުން ފަގީރުކަން ކުޑަކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމުގައި، ޒަކާތާއި އިސްލާމީ އިޖުތިމާއީ މާލިއްޔަތުގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށްޓަކައި އަމަލީ ހައްލުތަކެއް ހޯދުމަކީ ވެސް މި ކޮންފަރެންސްގެ މުހިންމު މަގުސަދެކެވެ.