މޯލްޑިވްސް ޒަކާތު ހައުސްއިން ބާއްވާ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސްގެ ދެވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ދާއިރާތަކުގެ ތަޖުރިބާކާރު ޕެނަލިސްޓުން އެ އިދާރާއިން އިއުލާންކޮށްފިއެވެ.

މި ކޮންފަރެންސްގެ ދެވަނަ ސެޝަން ކުރިއަށްދާނީ "ވިލުންތެރިކަމުގެ އަސާސު: އެކި ދާއިރާތައް އެކުގައި މަސައްކަތްކުރުމާއި ގުޅިގެން ނެރެވިދާނެ ހައްލުތައް" މި މައުޟޫއުގެ މައްޗަށެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާ ގޮތުގައި މި ސެޝަންގައި ޒަކާތުގެ އިދާރާތަކާއި، ޓެކްނޮލޮޖީ ދާއިރާއާއި، އިޖުތިމާއީ ޚިދުމަތްތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއިން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ސެޝަންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރު ޖެނެރަލް އައްޝައިޚް އިމްތިތާއު އައްބާސާއި، މައިންޑްކޯގެ ހެޑް އޮފް ޑިޖިޓަލް ސޮލިއުޝަންސް މުހައްމަދު އަރުޝަދުގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ސޯޝަލް ސާވިސަސް ކޯޑިނޭޓަރު އަބްދުﷲ އަޝްރަފެވެ. މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ނައިބު ރައީސް ޙަސަން ޝަމާމްވެސް މި ޕެނަލްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި ޕެނަލް މަޝްވަރާތައް މޮޑެރޭޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރު އާއިޝަތު ޝައްމާ އާމިރެވެ.

މި ސެޝަންގެ މައިގަނޑު ބޭނުމަކީ އެކި މުއައްސަސާތަކުން ވަކިވަކިން ކުރަމުންދާ މަސައްކަތްތަކުން ދުރަށްޖެހި، ސަރުކާރުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި، ޑިޖިޓަލް ވަސީލަތްތަކާއި އަދި އަމިއްލަ ދާއިރާގެ މަސައްކަތްތަކާ ޒަކާތާއި އެހެނިހެން އިސްލާމީ އިޖުތިމާޢީ ފައިނޭންސް ގުޅުވައިދޭ ޤައުމީ ފެންވަރުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލުމެވެ. އަދި ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރުދުންނާއި އާއިލާތަކަށް ދެވޭ އެހީތެރިކަން އިތުރަށް ހަރުދަނާކޮށް، މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދެވޭނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ވިސްނުންތައް އެއްތަނަކުން ޙިއްސާކޮށް ކުރިއަށްދާނެ މި މަޝްވަރާތަކުން މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިވެގެންދާނެއެވެ. މީގެ އިތުރުން ވަސީލަތްތައް ބޭނުންކުރުމުގައި އެއް އަމާޒެއް ކަނޑައެޅުމާއި، އެހީ ލިބޭ ފަރާތްތަކަކީ މާލީ އެހީތެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި އިގްތިސާދީ ގޮތުން އަމިއްލަ ފުދުންތެރިކަން ލިބިފައިވާ ބަޔަކަށް ހެދުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވިދާނެ މަގުތައް ހޯދުމަށް ފުރުސަތު ލިބިގެންދާނެއެވެ.