މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2026)ގެ ސިލްވަރ ސްޕޮންސަރެއްގެ ގޮތުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހަމަޖައްސައިފިއެވެ.

ޕެންޝަން އޮފީސް ސިލްވަރ ސްޕޮންސަރަކަށް ހަމަޖެއްސީ، އެ އޮފީހާއެކު ވި އެއްބަސްވުމެއްގެ ދަށުންނެވެ. ޕެންޝަން އޮފީހުން ވަނީ، އެންމެ ފުރަތަމަ ބޭއްވި ޒަކާތު ކޮންފަރެންސް، (އިންޒެކް 2024)ގައި ޕެނަލިސްޓެއްގެ ގޮތުގައިވެސް ބައިވެރިވެފައެވެ.

ޒަކާތު ހައުސްއިން ވަނީ ޕެންޝަން އޮފީހުން ކޮންފަރެންސަށް ދޭ އެއްބާރުލުމާއި، ޒަކާތު ހައުސްއާއެކު ދަމަހައްޓަމުން ގެންދާ ގުޅުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. މި ބައިވެރިވުމުން ރަމްޒުކޮށްދެނީ ދިވެހި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ލާބައާއި މަންފާއަށް މަގުފަހިކުރާ ކަންކަން ހަރުދަނާ ކުރުމަށާއި، މަޝްވަރާކޮށް ޢިލްމު ޙިއްޞާކުރުމުގައި ޤައުމީ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މުހިންމުކަން ކަމަށް ޒަކާތު ހައުސްއިން ފާހަގަކުރިއެވެ.

އިޝްތިހާރު އިޝްތިހާރު

އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 28ގައި އިސްލާމީ މަރުކަޒުގައެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާއިރާގެ ފަންނީ މާހިރުންގެ އިތުރުން ކަމާއި ގުޅުންހުރި އެހެނިހެން ފަރާތްތައް އެއްތަންވެ، ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދާއިރާއަށް މިޒަމާނުގައި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

މި ބައިވެރިވުމުގެ ތެރެއިން ޕެންޝަން އޮފީހާއެކު ގާތުން މަސައްކަތް ކުރުމަށާއި، މުސްތަޤުބަލުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިވެ، ދެފަރާތަށްވެސް ފައިދާހުރި މަސައްކަތްތަކަކަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.

ޕެންޝަން އޮފީސް ފަދަ މުއައްސަސާތަކުގެ ދެމެހެއްޓެނިވި އެއްބާރުލުމަކީ، އިންޒެކް 2026 ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ، އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ޒަކާތާއި އިސްލާމިކް ސޯޝަލް ފައިނޭންސްގެ ދައުރު ފުޅާކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްދޭނެ ކަމެއް ކަމަށްވެސް ޒަކާތު ހައުސިންއިން ފާހަގަކުރައްވައެވެ.