ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކަކީ ހަމައެކަނި އަޅުވާ ލޭބަލަކަށް ވެގެން ނުވާނެ ކަމަށާއި، އެފަދަ އިންވެސްޓްމަންޓްތަކުން ތިމާވެއްޓަށް ހަގީގީ މަންފާތަކެއް ލިބި މާލީ ގޮތުން ފައިދާހުރި ނަތީޖާއެއް ނެރެވެންޖެހޭ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޔަޒްމީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އަހަރުގެ ފޯރަމް ކުރިއަށް ގެންގޮސްފައިވަނީ "ގްރީން ފައިނޭންސް: ސަސްޓެއިނަބަލް އިންވެސްޓްމަންޓް އެންޑް ފައިނޭންޝަލް ސެކިއުރިޓީ އިން ދަ މޯލްޑިވްސް" މިއެންމެ މުހިންމު ޝިއާރުގެ ދަށުންނެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔަޒްމީދު ވިދާޅުވީ، ރާއްޖޭގެ 80 އިންސައްތަ ރަށްތަކަކީ ކަނޑުގެ ލޮނުގަނޑާ ވަރަށް ތިލަކޮށް އޮތް ތަންތަން ކަމަށްވުމުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ އަސަރު އާންމުންގެ އާމްދަނީއަށާއި ވިޔަފާރިތަކަށް އަދި މުޅި މާލީ ނިޒާމަށްވެސް ފޯރާ ކަމަށެވެ. ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި މާލީ ހަމަޖެހުމާ ދެމެދު އޮތް ގުޅުން ބޮޑުވަމުން އަންނާތީ، ދެމެހެއްޓެނިވި މާލީ ނިޒާމަކާއި އިންވެސްޓްމަންޓްތަކަށް އިސްކަންދިނުން ކޮންމެހެން މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ގޮތުގައި އޮތް ޕެންޝަން ފަންޑުގެ ނެޓް އެސެޓް މިއަހަރު 30 ބިލިޔަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާކަން ޔަޒްމީދު ފާހަގަކުރެއްވިއެވެ. މިއަދު ނިންމާ ކޮންމެ ނިންމުމަކީ މެންބަރުންގެ މުސްތަގުބަލުގެ މާލީ ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ނިންމުމެއް ކަމަށްވުމާއެކު، ރާއްޖޭގެ އެތެރޭގެ އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް ޕޯޓްފޯލިއޯ ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ތިމާވެށްޓާއި އިޖުތިމާއީ އަދި ހިންގުމުގެ ރަނގަޅު އުސޫލުތައް ހިމެނޭ ފުރުސަތުތަކާއި ކްލައިމެޓް ފައިނޭންސިންގެ ދާއިރާތައް ދިރާސާކުރަމުން އަންނަ ކަމަށް ޔަޒްމީދު ވިދާޅުވިއެވެ. ނަމަވެސް، ދެފުށް ފެންނަ މިންގަނޑުތަކެއް ނެތި ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން 'ގްރީންވޮޝިން' ފަދަ ކަންކަމަށް މަގުފަހިވެ، އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމަށް ވިދާޅުވެ، މާލީ އަހުލާގާއި އިތުބާރު ހިފެހެއްޓުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޔަޒްމީދު ވިދާޅުވީ ފޯރަމްގެ މަގުސަދަކީ ހަމައެކަނި ވާހަކަދެއްކުމުގެ ބަދަލުގައި، ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ގްރީން ފައިނޭންސް ކުރިއެރުވުމަށް އެކަށޭނަ އަމަލީ ހައްލުތަކާއި މާލީ ވަސީލަތްތައް ދެނެގަނެ، އެކަންކަން ހަގީގަތަކަށް ހެދުން ކަމަށެވެ. އެހެންކަމުން ފޯރަމުގެ ބައިވެރިން އެއްވެ މި އަމާޒު ހާސިލްކުރުމަށް ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕެންޝަން އޮފީހުން ސިލްސިލާކޮށް އިންތިޒާމު ކޮށްގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމަކީ، ދިވެހިރާއްޖޭގެ މާލީ އަދި އިގުތިސާދީ މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ފަހިކޮށްދޭ މަންސައެކެވެ. މިއަހަރު ފައިނޭންސް ފޯރަމްގެ 13 ވަނަ ބައްދަލުވުން ބާއްވާއިރު، މި ފޯރަމް މެދުވެރިކޮށް ދިވެހި އަދި ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބައްދަލުކޮށް ޚިޔާލު ބަދަލުކުރުމާއެކު، ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.