ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި، އޭގެ ސަބަބުން އިގުތިސާދު އިތުރަށް ވަރުގަދަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަން ދުށް ގައުމުތަކުގެ ތެރެއިން ތަރައްގީ ކަށަވަރު ކުރެވުނީ ސީދާ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކީ ގައުމުތަކަށް ކަމަށެވެ. އަދި އެފަދަ އިންވެސްޓްމަންޓަކީ ހަމައެކަނި ރޯ މެޓީރިއަލް ނެގުން އެކަނި ކަމަށް ވެގެން ނުވާނެ ކަމަށާއި، އެ ތަކެތި ޕްރޮސެސްކޮށް އުފެއްދުންތެރިކަމަށް މަގުފަހިވާން ލާޒިމުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ސިންގަޕޫރާއި ދެކުނު ކޮރެއާ ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ގައުމުތަކުގެ މިނިވަންކަމަށް ނުވަތަ އިސްތިގުލާލަށް ބޭރުގެ އިންވެސްޓްމަންޓްތަކުން އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އޭގެ ބަދަލުގައި އެ ގައުމުތަކުގެ އިގުތިސާދު ވަރުގަދަވެ، އިސްތިގުލާލު ހިމާޔަތްކުރުމުގެ ފަންވަރު ލިބި، ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ޖާގައެއް ކަށަވަރުވެގެން ދިޔަކަން އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރަސްމާލޭގައި ތަރައްގީގެ ބިޔަ މަޝްރޫއެއް ހިންގަން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހަރަކާތްތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

ނަޝީދު ވިދާޅުވަމުން އަންނަނީ ރަސްމާލެ މަޝްރޫއަށް އެމަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.