ރާއްޖޭގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ބޯހިމެނުން (އެގްރިކަލްޗަރަލް ސެންސަސް) ގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މުހިންމު ގައުމީ މަސައްކަތަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަދި އދ.ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މުޅި ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރަމުން އަންނަ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި މިވަގުތު ޖުމްލަ 39 ފަރާތަކުން ދަނީ ބައިވެރިވަމުންކަމަށް އެ ވުޒާރާއިން ބުންޏެވެ.
މިއީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއިން މިފަދަ ބޯހިމެނުމެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށްވާއިރު، މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ މި ދާއިރާއާ ގުޅޭގޮތުން ހަރުދަނާ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ އެންމެ މުހިންމު ތަފާސްހިސާބުތައް އެއްކުރުމެވެ.
މީގެއިތުރުން، ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ދެނެގަތުމަށް މި ބޯހިމެނުން ބިންގަލަކަށް ވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ، މި ބޯހިމެނުމުން ލިބޭ މައުލޫމާތާއި ހޯދުންތަކުގެ އަލީގައި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މި ސިނާއަތް ކުރިއެރުވުމަށް އެކަށީގެންވާ ސިޔާސަތުތަކެއް އެކުލަވައިލުމަށް މަގުފަހިވާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމާއި ރައްކާތެރިކަން ގާއިމުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސައްޙަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެޅުމަށް މި އެއްކުރެވޭ ތަފާސްހިސާބުތަކުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުންޏެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.