ރާއްޖެއަށް މިހާރު ކުރަމުންދާ ބޯކޮށް ވާރޭވެހުމުގެ ވިއްސާރައިގައި އައްޑޫ ސިޓީ މީދޫގައި ހުންނަ "ޒުވާން ދަނޑުވެރިޔާ" ހުސައިން ރަމްޒީގެ ޑްރެގަން ފުރުޓު ދަނޑުގައި ފަންގަސް އަޅައި ބޮޑެތި ގެއްލުންތަކެއް ވުމުން 200 އަށްވުރެ ގިނަ ގަސް ކަނޑާލައިފިއެވެ.

މޫސުން ގޯސްވެ ހުއްޓުމެއް ނެތި ވާރޭ ވެހުމުގެ ސަބަބުން ދަނޑުގައި ހުރި ގަސްތަކުގައި ފަންގަސް އަޅައި، ގަސްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ބޭސް ޖަހައިގެން ގަސްތައް ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް، އިތުރު ގަސްތަކަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި ގަސްތައް ކަނޑާލަން މަޖުބޫރުވީއެވެ.

މި ވިއްސާރައިގައި ދަނޑުގައި ހުރި 70 ތަނބެއްގެ ގަސްތައް މިހާރު ވަނީ އެއްކޮށް ކޮށާލާފައެވެ. ކޮންމެ ތަނބެއްގައި 4 ގަސް ހުރިއިރު، ޖުމްލަ 280 ގަސް ވަނީ ކަނޑާލަން ޖެހިފައެވެ. މިއީ މުޅި ދަނޑުގެ ގަސްތަކުގެ ގާތްގަނޑަކަށް %33 އެވެ.

އިޝްތިހާރު އިޝްތިހާރު

ކަނޑާލި ގަސްތަކުގެ ތެރޭގައި ހިމެނެނީ ވިއެޓްނާމްގެ ހުދާއި ރަތް ވެރައިޓީގެ ޑްރެގަން ފުރުޓު ގަސްތަކެކެވެ. މާތައް ފޮޅިފައި ހުރި ދަނޑިވަޅެއްގައި ގަސްތައް ކަނޑާލަން ޖެހުމުން މާލީ ގޮތުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު ކަމަށް ރަމްޒީ ބުންޏެވެ.

ޑްރެގަން ފުރުޓުގެ އިތުރުން ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން އެ ތަނުގައި ހުރި ފަޅޯ ގަސްތަކަށާއި ކެޔޮ ގަސްތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. ނަމަވެސް ހިތްވަރު އެލުވާނުލައި، ކަނޑާލި ގަސްތަކުގެ ބަދަލުގައި އިތުރު ވެރައިޓީތަކުގެ ގަސްތައް އިންދުމުގެ މަސައްކަތް އޭނާ މިހާރު ވަނީ ފަށާފައެވެ.

ރާއްޖޭގައި އާންމުކޮށް ނަހައްދާ ޑްރެގަން ފުރުޓު ފަދަ މޭވާތައް ހެއްދުމަށް ރަމްޒީ ކުރަމުންދާ މަސައްކަތަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކަމެކެވެ. އައްޑޫ މީދޫގައި ހުންނަ އޭނާގެ ދަނޑަކީ އެކި ރަށްރަށުން ޒިޔާރަތްކުރާ މީހުންނާއި ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު ތަނެކެވެ.