މޯލްޑިވްސް އެކްސްޕޯއިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ބާބާ ގާޑިޔާ" ގެ ވެރިޔާ ހަސަން އަތީގަށް ހާޓްއެޓޭކެއް ޖެހި، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އޭނާ އާންމުންގެ މާލީ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުވައްމުލަކަށް ނިސްބަތްވާ އަތީގަށް ހާޓްއެޓޭކް ޖެހުނީ 27 އޮކްޓޫބަރު ގައި އޭނާގެ އުފަން ރަށުގައި ހުއްޓައެވެ. އެ ރަށު ހޮސްޕިޓަލުގައި ފުރަތަމަ ފަރުވާ ދިނުމަށްފަހު، ހާލަތު އިތުރަށް ގޯސްވުމުން ޖެހިގެން އައި ދުވަހު އޭނާ ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.

މާލެ ގެނެސް ފަރުވާ ދޭން ފެށި ފަހުން މިހާތަނަށް އޭނާގެ ހިތުގެ 2 އެންޖިއޯގްރާމް ވަނީ ހަދާފައެވެ. ނަމަވެސް ހާޓްއެޓޭކަށްފަހު ކަރުގެ ދެފަރާތުގެ ނާރުތައް އާދަޔާ ހިލާފަށް ދުޅަވެ، ގަދައަށް ރިއްސާތީ އޭނާއަށް ތަކުރާރުކޮށް އިމަޖެންސީގައި ފަރުވާ ހޯދަންޖެހެއެވެ.

އިޝްތިހާރު އިޝްތިހާރު

އެކި ދާއިރާތަކުގެ ހާއްސަ ޑޮކްޓަރުންނަށް ދައްކައިގެން ގިނަ ޓެސްޓުތަކެއް ހެދި ނަމަވެސް، ދިމާވެގެން އުޅޭ އަސްލު މައްސަލަ އަދިވެސް ދެނެގަނެވިފައެއް ނުވެއެވެ. ބައްޔަށް އެދެވޭ ލުޔެއް ނުލިބޭތީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އާސަންދަ ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބަލިވުމުގެ ސަބަބުން ވިޔަފާރި ހުއްޓި، މިވަގުތު އާމްދަނީ ލިބޭނެ އެއްވެސް މަގެއް ނެތް ކަމަށް އަތީގު ބުންޏެވެ.

އާސަންދައިން ބޭސްފަރުވާ ހަމަޖެހުނު ކަމުގައި ވިޔަސް، އިންޑިއާގައި ހޭދަވާނެ މުއްދަތެއް ނޭނގޭތީ، ހުރުމާއި ކެއުމާއި ދަތުރުފަތުރަށް ބޮޑު ހޭދައެއް ހިނގާނެއެވެ. އެހެންކަމުން އެ ހަރަދުތައް ބަލަހައްޓާނެ މާލީ ތަނަވަސްކަން ނެތުމުން، އަތީގު ވަނީ އާންމުންގެ ދީލަތި އެހީއަކަށް މީސްމީޑިއާގައި އެދިފައެވެ.

ރިސޯޓު ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުމަށްފަހު، އަތީގު ކާބޯތަކެތީގެ ވިޔަފާރި ފެށީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ދުވަސްވަރު ވަޒީފާ ގެއްލުމުންނެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި އެކްސްޕޯގައި އޭނާގެ "ބާބާ ގާޑިޔާ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. މީގެއިތުރުން އޭނާއަކީ އެ އެކްސްޕޯއިން ލިބުނު ފައިދާއިން ފަލަސްތީނުގެ ރައްޔިތުންނަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ޒުވާނެކެވެ.

ހަސަން އަތީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:

ބީއެމްއެލް ރުފިޔާ އެކައުންޓް: 7703234441101 (ހަސަން އަތީގު)

އެމްއައިބީ ރުފިޔާ އެކައުންޓް: 9060310066908100 (ހަސަން އަތީގު)

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވެވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."