ރ. އުނގޫފާރު ސްކޫލްގެ 8 ކްލާސްރޫމް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފަންގިފިލާގެ ބީމް ރިއިންފޯސްމަންޓާއި ބީމް ޝަޓަރިންގެ މަސައްކަތްތައް ހިމެނޭހެން، އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢު ނިމުމުން އުނގޫފާރު ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޖާގަ ތަނަވަސް ކްލާސްރޫމްތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް އެދެވޭ ޙައްލެއް ލިބި، ކިޔަވައިދިނުމުގެ މާޙައުލަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

އުނގޫފާރު ސްކޫލްގެ 8 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް 2021 ވަނަ އަހަރު ކުރީގެ ސަރުކާރުން އެންމެ ފުރަތަމަ ހަވާލުކުރީ ނެކްސަރ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެކުގައެވެ. އެއީ 10.1 މިލިއަން ރުފިޔާއަށް 365 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އިޝްތިހާރު އިޝްތިހާރު

ނަމަވެސް އެ ކުންފުންޏަށް އެ މަސައްކަތް ނުކުރެވުމުން މި ސަރުކާރުން ވަނީ އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްކޫލްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ސަރުކާރުން މިހާރުވެސް އަންނަނީ ކުރިއަށް ގޮންދަމުންނެވެ. އޭގެ ތެރޭގައި ސްކޫލްތަކަށް ބޭނުންވާ ކްލާސްރޫމްތައް އިތުރު ކުރުމާއި މަލްޓި ޕާޕަސް ހޯލްތައް އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ.