ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފާމަސީތަކުން ބޭސް ލިބެން ހުރި މިންވަރާއި އަގުތައް އާންމުންނަށް ފަސޭހައިން ބަލައިލެވޭނެ ޚާއްޞަ ސިޓިޒަން ޕޯޓަލެއް މި ނޮވެމްބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފަށާނެކަން ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާއިން ހާމަކޮށްފިއެވެ.
މިއީ ބޭސް ހޯދުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން ތަޢާރަފުކުރާ ނިޒާމެކެވެ. މީގެ ކުރިން އާންމުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭނުންވާ ބޭސް ލިބެން ހުރީ ކޮން ފާމަސީއަކުންކަން ސާފުނުވުމެވެ.
އަލަށް ތަޢާރަފުކުރާ ސިޓިޒަން ޕޯޓަލް މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންވާ ބޭހުގެ ބާވަތްތަކާއި، އެ ބޭސް ލިބެން ހުރި ފާމަސީތަކުގެ އިތުރުން ވިއްކާ އަގު ފަސޭހަކަމާއެކު އޮންލައިންކޮށް ބަލައިލެވޭނެއެވެ. މީގެ ސަބަބުން ބޭސް ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަޙްމަދު ޒިޔާއު ސަޢީދު ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްތައް އަވަސްކޮށް، އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމަކީ ކުންފުނީގެ މައިގަނޑު އަމާޒެއް ކަމަށެވެ.
ރައްޔިތުންނަށް އެންމެ އުނދަގޫވާ ކަމަކީ ބޭސް ހުރީ ކޮން ފާމަސީއެއްގައިތޯ ބެލުން ކަމަށާއި، އެއް ފާމަސީގައި ބައެއް ބޭސް ނުހުންނާތީ އެއް ފާމަސީއިން އަނެއް ފާމަސީއަށް ދާންޖެހޭ ދިއުން ނޮވެމްބަރު މަހުގެ ނިޔަލަށް ހުއްޓުމަކަށް އަންނާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ. ޕޯޓަލް ލޯންޗުކުރުމުން ބޭސް ވިއްކަނީ ކޮންތާކުންކަމާއި، ބޭސް ހުރި މިންވަރާއި އަގުތައް ސާފުކޮށް ފެންނަން ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ނިޒާމު ޤާއިމުކުރުމުގެ މައިގަނޑު އަނެއް ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ބޭހުގެ ޑިމާންޑު ދުރާލާ ދެނެގަތުމެވެ. ސްޓޭޓް ފާމާއިން ފާހަގަކުރި ގޮތުގައި، ކުރިއަށް އޮތް އަހަރަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމަށާއި، ބޭސް ހުސްނުވެ ލިބޭނެކަން ކަށަވަރުކުރުމަށް މި ޕޯޓަލްގެ ތަފާސްހިސާބުތައް މުހިންމު ދައުރެއް އަދާކުރާނެއެވެ.
އަދި ބޭނުންވާ މިންވަރު ދެނެގަނެވިއްޖެނަމަ، ދިގު މުއްދަތަކަށް ރައްކާކުރެވޭ ބޭހުގެ ބާވަތްތައް އަތޮޅުތަކުގެ ރަށްރަށުގައި ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.