ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނަކަށް ދިމާވި އެކްސިޑެންޓްގެ މައްސަލަ، މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އިން ތަޙުޤީޤުކުރަން ފަށައިފިއެވެ.
އެމްޓީއެސްބީން އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވަނީ އިއްޔެ ހިނގައިދިޔަ މި ހާދިސާ ބަލައި ތަޙުޤީޤުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ކަށަވަރުވަމުންދާ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށްވެސް އެ ބޯޑުން ފާހަގަކޮށްފައިވެއެވެ.
Ministry of Tourism and Civil Aviation@MoTmvPress release by the Maldives Transportation Safety Board (MTSB) on the seaplane incident at Noovilu Seaplane Terminal, Velana International Airport.

އެ ބަޔާނުގައި ވާގޮތުން މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ނޫވިލު ސީޕްލޭން ޓާމިނަލުން އެ ބޯޓު ފުރަން އުޅުނު ވަގުތުގައެވެ. މި ހާދިސާގައި ބޯޓުގެ ފަޅުވެރިއަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ނަމަވެސް، ދަތުރުކުރި އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ލިބިފައިނުވާކަން އެމްޓީއެސްބީން ވަނީ ކަށަވަރުކޮށްދީފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި، ސީޕްލޭން އެކްސިޑެންޓް ވެފައިވަނީ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީ ކުރަމުން ދަނިކޮށެވެ. އަދި ހާދިސާ ހިނގި ވަގުތުން ފެށިގެން އެމްއޭސީއެލްގެ އެއާޕޯޓު އިމަޖެންސީ ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސީޕްލޭނުގެ އެއްފަޅި އަޑިއަށް ގޮސްފައި އޮތްއިރު، ލައިފް ރިންގު ބޭނުންކޮށްގެން ދަތުރުވެރިންނާއި ފަޅުވެރިން ރައްކާތެރިކަމާއެކު ބޯޓުން ބާލަމުން ދިޔައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.