ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ޓެކްސީ ކުރުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި ކެބިން ކްރޫއަކަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.

މިއަދު މެންދުރު 14:25 ގައި ހިނގި މި ހާދިސާ ދިމާވީ ސީޕްލޭންގެ ދެ ކަނދުގެ ތެރެއިން އެއް ކަނދު ހަލާކުވެގެންނެވެ. އެނގިފައިވާ ގޮތުގައި އެ ކެބިން ކްރޫއަށް އަނިޔާވީ ސީޕްލޭނާއި ޑޮކްއާ ދޭތެރޭ ފިތިގެންނެވެ.

މި ހާދިސާ ހިނގި ވަގުތު ސީޕްލޭންގައި ކްރޫންގެ އިތުރުން ފަތުރުވެރިން ވެސް ތިއްބެވެ. ހާދިސާ ހިނގުމާއެކު ބޯޓުގައި ތިބި އެންމެހައި ފަސިންޖަރުންނާއި ކްރޫއިން ވަނީ ރައްކާތެރިކަމާއެކު ބޯޓުން ހުސްކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ހާދިސާއާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ހާދިސާ ހިނގުމާއެކު އެ ކުންފުނީގެ އެއާޕޯޓް އެމާޖެންސީ ސާވިސަސްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެމްއޭސީއެލްއިން ވަނީ ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަން ހާމަކޮށްފައެވެ.

އެމްއޭސީއެލްއިން މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާއާ ގުޅިގެން ވޯޓާ އެއިރޯޑްރޯމްއިން ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރައި، އާންމު އުސޫލުން ކުރިއަށްދެއެވެ. ޓްރާންސް މޯލްޑިވިއަން އެއާވޭސްއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ހާދިސާ ހިނގަން މެދުވެރިވި ގޮތް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.