އެމެރިކާއިން އީރާނަށް އަސްކަރީ ހަމަލާ އަލުން ދީފިނަމަ ރައްދު ހަމަލާތައް އަމާޒުވާނީ ހަމައެކަނި ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ނޫން ކަމަށާއި، ދުރު ހިސާބުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށްވެސް ހަމަލާ ދޭނޭ ކަމަށް އީރާނުން އިންޒާރު ކޮށްފިއެވެ.
މިކަމުގެ އިންޒާރު ދެއްވީ، ލުބުނާނުގެ އަލް މަޔާދީން ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި އީރާނުގެ ގައުމީ ސަލާމަތާބެހޭ އެންމެ އިސްވެރިޔާ މޭޖަރ ޖެނެރަލް މުހްސިން ރިޒާއީއެވެ.
މުހްސިން ރިޒާއީ ވިދާޅުވީ، އީރާނުން ކުރިން ރައްދު ހަމަލާތައް ދީފައިނުވާ، ދުރު ހިސާބުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށްވެސް ހަމަލާ ދޭނޭ ކަމަށެވެ.
އެގޮތުން ވިދާޅުވީ، އީރާނަށް ހަމަލާދޭން އަންނަ އަސްކަރީ ޖެޓުތައް ފުރަން ބޭނުންކުރާ ޔޫރަޕްގެ ކޮންމެ ގައުމެއްގައި ހުރި އެއަރބޭސްތަކަށާއި، އެހެން ގައުމެއްގެ ބޭހަކަށްވިޔަސް އީރާނުން މިފަހަރު ރައްދު ހަމަލާތައް ދޭނޭ ކަމަށެވެ.
މުހްސިން ރިޒާއީ ވިދާޅުވީ، އެމެރިކާއާއެކު އީރާނުގެ ޑިޕްލޮމެޓިކް އެޖެންޑާގެ ފުރަތަމަ އައިޓަމަކީ ހުރިހާ ފަރާތަކުން، ޚާއްސަކޮށް ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުން ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ހެދުމާ ގުޅޭގޮތުން މުހްސިން ރިޒާއީ ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު މިވަގުތު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.
އޭނާ ވިދާޅުވީ، އީރާނުން 7 ނުކުތާގެ ޕްލޭނެއް އެމެރިކާއަށް ހުށަހަޅާފައިވާ ކަމަށާއި، މިހާރު އިންތިޒާރު ކުރަމުންދަނީ އެމެރިކާގެ ޖަވާބަކަށް ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ރޭގައިވެސް ވިދާޅުވެފައިވަނީ، އީރާނުން ހުށަހަޅާފައިވާ ކަންކަމަކީ އެމެރިކާއަށް ގަބޫލުކުރެވޭ ކަންކަމެއް ނޫން ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު