އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިއުލާނު ބާތިލުކޮށް، އެ މަސައްކަތަށް އަލުން ބީލަން ހުޅުވާލައިފިއެވެ.
މި މަޝްރޫއަކީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ޑިޒައިން ތައްޔާރުކުރުމާއި ކޮންސަލްޓެންސީ ހިދުމަތް ހޯދުމުގެ މަސައްކަތެކެވެ. ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އިއުލާނުގައިވާ ގޮތުން، މިދިޔަ ސެޕްޓެމްބަރު 10 ވަނަ ދުވަހު ކުރި އިއުލާނު ބާތިލުކުރުމަށްފަހު، އެ ދާއިރާގެ ތަޖުރިބާކާރު ފާމުތަކަށް އަލުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހޭނެއެވެ. އީއޯއައި ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޝައުގުވެރިކަން ފާޅުކުރުމުގެ މެއިލް ފޮނުވަން ޖެހެނީ އައިލެންޑް އޭވިއޭޝަންގެ ޕްރޮކިއުމަންޓް އެޑްމިންގެ އީމެއިލް އެޑްރެހަށެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތާ ގުޅޭ ރިކުއެސްޓް ފޯ ޕްރޮޕޯޒަލް ލިޔެކިޔުންތަކާއި އީއޯއައި ފޯމު އަދި ކުރެހުމުގެ އުސޫލުތައް ސަރުކާރުގެ ގެޒެޓުން ޑައުންލޯޑް ކުރެވޭނެއެވެ. ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަކޮށް، ކަނޑައެޅިފައިވާ އިރުޝާދުތަކާ އެއްގޮތަށް ލިޔެކިޔުންތައް ހުށަހެޅުމަށް އައިލެންޑް އޭވިއޭޝަނުން އިލްތިމާސްކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.