ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްއިން ނެގި ލޯނަކަށް ގެރެންޓީ ދީގެން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ދަރަނި ދައްކައި ހަލާސްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިސްގެ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އަށް ދައްކަންޖެހޭ ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ ދެއްކުމަށް ކޮށްފައިވާ މި ހުކުމާ އެއްގޮތަށް ފައިސާ ނުދައްކައިފިނަމަ ޝަމްހީދު މެންބަރުކަމުން ވަކިވާނެއެވެ.

މި ހުކުމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ޑރ. ޝަމްހީދު ވިދާޅުވީ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑްއަކީ ކުރީގެ ރައްޓެހިންތަކަކާ އެކު އުފެއްދި ކުންފުންޏެއް ނަމަވެސް، ހިޔާލުތަފާތުވުންތަކެއް އުފެދި އެ ކުންފުނީގެ ހިންގުމާ ދުރުގައި ހުންނަވާތާ ހަތް އަހަރު ވެދާނެ ކަމަށެވެ. އެ ލޯނަކީ ބައެއް ހިއްސާދާރުންގެ އަމިއްލަ ބޭނުމަށް ނެގި ލޯނެއް ކަމަށާއި، އެހީތެރިވުމުގެ ގޮތުން ގެރެންޓީ ދެއްވީ އޭނާގެ ގެރެންޓީއާ އެކު ނޫނީ ލޯނު ނެގެން ނެތުމުން ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ކުންފުނިން ފައިސާ ނުދައްކާކަން އެނގުނު ހިސާބުން ފެށިގެން ފައިސާ ދެއްކުމަށް ކުންފުނީގެ އިސްވެރިންގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށާއި، އެ ފަރާތްތަކުން ފައިސާ ނުދެއްކުމުން އަމިއްލަ ހައިސިއްޔަތުން ފައިސާ ދައްކަވަމުން ގެންދަވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، މައްސަލަ ކޯޓަށް ހުށަހެޅުމުންވެސް ކުންފުނީގެ އިސްވެރިން އަޅާނުލައި ކޯޓަށް ޖަވާބުދާރީވެފައި ނުވާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި ޝަރީއަތް ނިންމުމުގެ ކުރިން ކޯޓަށް ހާޒިރުވުމަށް އޭނާއަށް އަންގާފައި ނުވާ ކަމަށާއި، މައްސަލަ ނިމުނުކަން އެންގީ އީމެއިލް މެދުވެރިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

"މިލޯނަކީ އަޅުގަނޑުގެ ބޭނުމަކަށް ނެގި ލޯނަކަށް ނުވިނަމަވެސް، ގާނޫނީގޮތުން އަޅުގަނޑާއި މަތިކުރި މި ދަރަނި މާތް ﷲ ގެ ވާގިފުޅާއިއެކު ކޯޓުގެ ހުކުމާއި އެއްގޮތަށް ދައްކައި ހަލާސްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ޝަމްހީދުގެ ބަޔާނުގައިވެއެވެ.