ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 2.8 ލައްކަ ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރި ހުކުމާއެކު ގޮނޑި ގެއްލުމުގެ ބިރު ބޮޑުވެއްޖެއެވެ.
ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާގެ ބޮޑު ދަރަނި ނުދައްކައިގެން ޝަމްހީދުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ އިއްޔެއެވެ. މި މައްސަލައަކީ އެމްއައިބީން ދޫކުރި ފަސް ލައްކަ އެމެރިކާ ޑޮލަރުގެ ފެސިލިޓީއަކާ ގުޅިގެން އަނބުރާ އެފައިސާ ނުދައްކަވައިގެން ބޭންކުގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
މި ފައިސާ އަނބުރާ ނުދައްކަވައިގެން ދައުވާކޮށްފައިވަނީ ދެ ކުންފުންޏަކަށާއި ލޯނަށް ޒިންމާވާ އަމިއްލަ ފަރުދުންގެ މައްޗަށެވެ. އަމިއްލަ ފަރުދުންގެ ތެރެއިން ޒިންމާވާންޖެހޭ އެއް ބޭފުޅަކީ ހުޅުމާލޭ ދެކުނު ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެންބަރު ޝަމްހީދެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޖުމްލަ 281،474.28 ޑޮލަރު ހުކުމުގައިވާ މުއްދަތުގައި އަނބުރާ ދެއްކުމަށެވެ. މި ފައިސާގެ ތެރޭގައި ހިމެނެނީ ފެސިލީޓީގެ ތެރެއިން ދައްކަންޖެހޭ 244،826.52 ޑޮލަރާއި، ޗާޖުތަކުގެ ގޮތުގައި އަރާފައިވާ 36،647.76 ޑޮލަރެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މި ދަރަންޏަކީ ޝަމްހީދު ހިމެނޭގޮތަށް މުއާމަލާތުގައި ހިމެނޭ އެހެން މީހުން ވެސް ވަކިވަކިން ޒިންމާ ނަގަންޖެހޭނެ ސާބިތު ދަރަންޏެއް ކަމަށެވެ.
މި ދަރަންޏާ އެކު ޝަމްހީދަށް ގޮނޑި ގެއްލުމުގެ ބިރު ބޮޑުވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އަދި އެފަދަ ހާލަތެއްގައި ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާނަމަ މެންބަރުކަމުން ވަކިވާނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީއެވެ.
ޝަމްހީދަށް ކޮށްފައިވާ ހުކުމާއެކު، އަނބުރާ ފައިސާ ނުދައްކަވައިފިނަމަ މަޖިލީހުގެ ގޮނޑި ގެއްލުމުގެ ބިރު ބޮޑުވާނެއެވެ.
ސާބިތު ދަރަންޏެއް އޮތް މައްސަލައެއްގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާއަށް ޕީއެންސީން އިންތިހާބުވި މުހައްމަދު ސިނާންގެ ގޮނޑިވެސް މިއަހަރުގެ އޭޕްރީލް މަހު ގެއްލުނެވެ. ސިނާންގެ މައްޗަށް ސާބިތުބީ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކަވާ އޮތް މައްސަލައެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި މި މައްސަލައާއެކު ސިނާން ގަވައިދުން ފައިސާ ނުދައްކަވާތީ މަޖިލީހުގެ ގޮނޑި ގެއްލުނުކަން ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.
ސިނާންގެ ގޮނޑި ގެއްލުމާއެކު، އެ ދާއިރާގެ ބައި އިލެކްޝަން ބާއްވައި މިހާރު ވަނީ އާ މެންބަރަކު އިންތިހާބުވެވަޑައިގެންފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.