ދައުލަތުގެ އިދާރާތަކަށް އެނގިހުރެ ތަކުރާރުކޮށް ގަސްތުގައި ދޮގު މައުލޫމާތު ދީގެން އުފުލާފައިވާ ދައުވާތަކަކީ "ސިޔާސީ ދައުވާ" ކަމަށް ބުނެ ހަގީގަތް އޮޅުވާލަން އުޅުނަސް އެއީ ދޮގެއް ކަމަށާއި ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައި ވަނީ ސައްހަ ދައުވާތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

މެންބަރު ސައުދުﷲ މިހެން ވިދާޅުވީ، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޝަރުއީ ކޯޓުގައި ހިނގަމުންދާ މައްސަލަތަކަކީ ސިޔާސީ ބޭނުމެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށް ބުނެ، އެ ދައުވާތައް އަނބުރާ ގެންދިއުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ސަރުކާރަށް ގޮވާލުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ސިޔާސީ ދައުވާއާއި ޖިނާއީ ކުށުގެ އެހެނިހެން ދައުވާތައް ގަސްތުގައި އޮޅުވާލައި، ރައްޔިތުންނަށް ނުބައި ތަސައްވުރެއް ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ސައުދުﷲ ވިދާޅުވީ ސިޔާސީ ބޮޑު ޕާޓީއެއްގެ ކަންކަން އެ ފެންވަރަށް ދިއުމުން ވަރަށް ދެރަވާ ކަމަށެވެ. އަދި ގަސްދުގައި އެނގިހުރެ ދައުލަތުގެ އިދާރާއަކަށް ތަކުރާރުކޮށް ދޮގު މައުލޫމާތު ދީފައިވާތީ އެކަމާ ގުޅިގެން ކުރާ ދައުވާއަކީ ސިޔާސީ ދައުވާއެކޭ ބުނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

އޭނާ ވިދާޅުވީ ދައުލަތުން ދައުވާކުރަނީ މަރުވެފައި ތިބި މީހުންނާއި އައިޑީކާޑު ނަންބަރު ދިމާނުވާ މީހުން ހިމަނައިގެން ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ހިމެނޭ ލިސްޓެއް ސައުދު އަލީ ފޮނުވާފައިވާތީ، ޒިންމާދާރު ވެރިޔެއްގެ މަގާމުގައި ހުރެ ސައުދު އަލީ ކޮށްފައިހުރި ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ. ކައުންސިލުން ސިޓީއަކަށް ހަދަން ނިންމި ނަމަވެސް، ސިޓީއަކަށް ހަދަން ދޮގު މައުލޫމާތާއެކު ސޮއިކުރާ މީހާ ޤާނޫނުގައި ބުނާގޮތުން ޒިންމާ ނަގަން ޖެހޭނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

އެންމެ މީހެއްގެ ދިފާއުގައި އެމްޑީޕީން އެކުރާ މަސައްކަތަކީ މުޅި އެމްޑީޕީގެ އަގުވެއްޓޭނެ ކަމެއްކަން ފާހަގަކުރައްވަމުން ސައުދުﷲ ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ މައްސަލައިގައި އެމްޑީޕީން އަޑުއުފުލުންވެސް މާއައުލާކަން ބޮޑު ކަމަށެވެ. އެއީ ޝާހިދަކީ އެމްޑީޕީއަށް އެތައް ހިދުމަތެއް ކުރައްވާފައިވާ ހައި ޕްރޮފައިލް ބޭފުޅަކަށްވެފައި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާ ދެކޮޅަށް އަޑުއުފުލުން މާ ރަނގަޅު ކަމަށް މެންބަރު ވިދާޅުވިއެވެ. ނަމަވެސް ހާމަކަން ބޮޑު ގޮތެއްގައި އެންމެނަށް ފެންނަން ހުރި ދައުވާއެއްގައި އެމްޑީޕީން ސިޔާސީ ކުލަ ޖެއްސުމުން މެންބަރު ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ސިޔާސީ ޕާޓީތަކުން ވައްކަމާއި އެފަދަ ޖަރީމާތަކަށް ހިތްވަރުދީގެން ނުވާނެ ކަމަށާއި، އުސޫލެއްގެ ގޮތުން އެމްޑީޕީން މިހާރު ސައުދު އަލީ ސަސްޕެންޑު ކުރަންޖެހޭ ކަމަށް ސައުދުﷲ ވިދާޅުވިއެވެ. އަދި ސައުދު އަލީއަކީ އޭނާގެ ބާރުން ޤާނޫނު ބަދަލުކޮށްފައި ހުރި މީހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މޭޔަރުގެ މަގާމު ހޯދުމަށްޓަކައި ސައުދު އަލީ ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގައި އޭނާގެ ނުފޫޒުން ޤާނޫނު ބަދަލުކޮށް އޭރު ރަށު ކައުންސިލަށް ހޮވާފައި ތިބި ކައުންސިލަރުން ވަގުތުން މޭޔަރަށާއި ޑެޕިއުޓީ މޭޔަރުންނަށް ބަދަލުކޮށްފައެވެ.

މި މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެން ކަމަށާއި، އެކަމުގައި އޭނާ ފަރުދީގޮތުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ނުފޫޒު ފޯރުވައިގެން، އިންތިހާބީ މަގާމެއްގައި ހުންނެވި ބޭފުޅަކު މަގާމުން ވަކިކުރުމަށް އަވަސްއަރުވާލައިގެން ކުރިއަށްގެންދާ ސިޔާސީ ޖެއްސުމެއް ކަމަށްވެސް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައިވާ ގޮތުން، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި 10،000 މީހުން ހަމަވާކަން ދެއްކުމަށް، މަރުވެފައިވާ މީހުންގެ ނަންތައް ހިމަނައިގެން ދޮގު ލިސްޓެއް 2022 ސެޕްޓެމްބަރުގައި އެލްޖީއޭއަށް ފޮނުވާފައިވެއެވެ. އަދި އޭގެ ފަހުން އެލްޖީއޭއިން ސައްހަ ލިސްޓެއް ހުށަހެޅުމަށް އެންގުމުން، އެހެން ރަށްރަށުގެ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައިގެން، ތިނަދޫގެ އާބާދީއަކީ 10،500 ކަމަށް ދައްކައި ސައުދު އަލީ ސޮއިކުރައްވައި އަނެއްކާވެސް ދޮގު ލިޔުމެއް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުނެއެވެ.

މި މައްސަލައިގައި ދައުލަތުން ސައުދު އަލީގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި މޭޔަރު ސައުދު ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވާފައެވެ.

މި ދައުވާތައް ސާބިތުވެއްޖެނަމަ، ސައްހަ ނޫން ލިޔުން ދިނުމުގެ ކުށަށް 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އަދި ދޮގު މައުލޫމާތު ދިނުމުގެ ކުށަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެހެންވެއްޖެނަމަ، ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން 1 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހި، ސައުދު އަލީގެ މޭޔަރުކަމުގެ ގޮނޑި ގެއްލޭނެއެވެ.