ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އާބާދީ އޮޅުވައިލި ކަމަށް ބުނެ އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރައި ގެންދަން އިދިކޮޅު އެމްޑީޕީ އިން ގޮވާލައިފި އެވެ.

ސައުދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ސައުދުގެ މައްޗަށް ކުރާ އެ ދައުވާތައް ބިނާކޮށްފައި ވަނީ ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެންކަން ހާމަވާ ކަމަށެވެ. ނަމަވެސް، އެ ފަދަ ކަމަކަށް ސައުދު ފަރުދީގޮތުން ޒިންމާވާން ޖެހުމަކީ ނުވަތަ އޭނާގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އަދި، ގާނޫނީ އާންމު ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

"މި ކަން މި ކުރަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ލިބިދީފައިވާ، އެ މީހަކު މިނިވަންކަމާއެކު އިހުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގުގެ ދަށުން ތިނަދޫގެ ރައްޔިތުން އިންތިހާބުކޮށްފައިވާ މޭޔަރުގެ މަގާމު ގެއްލުވައިލުމުގެ ބޭނުމުގައި ކަމަށް ވީތީ، މި ކަމަކީ ގާނޫނުއަސާސީ އާއި ޑިމޮކްރެސީގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފުކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ސައުދުގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވެފައިވާކަން ދެއްކުމަށްޓަކައި ސެޕްޓެމްބަރު 4، 2022، ގައި ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ސިޓީއަކާ އެކު ދޮގު ލިސްޓެއް ސައުދު ފޮނުވި ކަމަށެވެ. އެ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ހިމަނާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން، އެ ލިސްޓުގައިވާ އެންމެންގެ އައިޑީ ކާޑު ނަންބަރު ހިމެނޭ ސައްހަ ލިސްޓެއް ހިއްސާކުރުމަށް އެލްޖީއޭއިން ތިނަދޫ ކައުންސިލްގައި އެދުމުން، އޯގަސްޓު 13، 2023 ގައި ސައުދު ސޮއިކޮށް ސިޓީއަކާއެކު އެލްޖީއޭއަށް ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގައި ރެޖިސްޓްރީވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ތިނަދޫގެ އާބާދީއަކީ 10،500 މީހުން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.