ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ މިއަދުގެ އަޑުއެހުމަށް އޭނާ ހާޒިރުވެވަޑައިނުގަތުމުން އަންނަ އާދީއްތަ ދުވަހަށް މައްސަލަ އަލުން ތާވަލްކޮށްފިއެވެ.

އެ މައްސަލާގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ކްރިމިނަލް ކޯޓުން ތާވަލްކުރި ނަމަވެސް، ސައުދު ހާޒިރުވެވަޑައިނުގަތީ ރަސްމީ މަސައްކަތްތަކެއް ހުރުމުން ކަމަށް ބުނެ އުޒުރުވެރިވެވަޑައިގަތުމުންނެވެ. އެހެންވެ ކްރިމިނަލް ކޯޓުން ވަނީ މިއަދުގެ އަޑުއެހުން ކެންސަލްކުރުމަށްފަހު، އަންނަ އާދީއްތަ ދުވަހުގެ 13:00 އަށް މައްސަލަ އަލުން ތާވަލްކޮށްފައެވެ.

ސައުދުގެ މައްޗަށް ދަޢުވާކުރަނީ ތިނަދޫގެ އާބާދީގައި ސިޓީއެއްގެ ޝަރުތު ހަމަވާ 10,000 މީހުން އުޅޭކަން ދެއްކުމަށް، މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓުތަކެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުއްވާފައިވާ ކަމަށް ބުނެއެވެ. އަދި ފުލުހުންގެ ތަހުގީގަށް އެ މައުލޫމާތު ހިއްސާނުކުރައްވައި، އެފަދަ ރިކޯޑެއް ނެތް ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށްވެސް ދަޢުވާގައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އެ މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދަޢުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދަޢުވާއެވެ. އެ ދެ ދަޢުވާ ސައުދުގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ.